ރަޝިޔާގައި ކޮވިޑް19 އަށް ޓެސްޓު ކުރި ތިންވަނަ ދިވެހި މީހާވެސް ނެގެޓިވް

ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް: ފޮޓޯ / ސަން

ކޮވިޑް19 އަށް ޝައްކު ކުރެވިގެން ރަޝިޔާގައި ކަރަންޓީނު ކުރި ދަރުވަރުންގެ ތެރެއިން ތިން ވަނަ ދިވެހި މީހާގެ ސާމްޕަލްވެސް ނެގެޓިވް ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ރަޝިޔާގައި ކަރަންޓީނު ކުރި ތިންވަނަ ދަރިވަރުގެ ނަތީޖާ ނެގެޓިވް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރަޝިޔާއިން ވަނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހާ ހަމައަށް ބޭރު މީހުން އެގައުމަށް އެތެރެވުން މަނާކޮށްފައެވެ. އެހެންނަމަވެސް ރަޝިއާގައި އެ ބައްޔަށް ޕޮޒިޓިވްވި ކޭސްތައް ނިސްބަތުން ވަރަށް މަދުކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ފަސް މީހަކު ވަނީ އެ ބަލިން އެއްކޮށް ރަނގަޅުވެފައެވެ. ނަމަވެސް އެމީހުން އަދި ދޫކޮށްލާފައެއް ނުވެއެވެ. ސަރުކާރުން ބުނީ އެމީހުން ދޫކޮށްލާނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށްވާނަމަ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.