އަނެއްކާވެސް ސަފާރީއެއް މޮނީޓަރިންގެ ހާލަތަށް ގެނެސް މީހަކު ޓެސްޓު ކުރަނީ

ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީތަކެއް: ފޮޓޯ / ލިވަބޯޑު އެސޯސިއޭޝަން

ނުރައްކާތެރި ވައިރަސް ކަމަށްވާ ކޮވިޑް19 އަށް ޝައްކުވާ އަލާމާތްތަކެއް ހުރި މީހަކު ފެނިފައިވާތީ އެމީހާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެމީހާ ފެނުނީ ސަފާރީއަކުން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ ތަރުުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ސަފާރީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މީގެކުރިންވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ސަފާރީއެއްގައި ހުރި މީހެއްގެ ގައިން ކޮވިޑް19 ބަލި ފެނިފައެވެ. އަދި އެ ސަފާރީ އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ. ސަރުކާރުން މިރޭ އިއުލާން ކޮށްފައި މިވަނީ ކޮވިޑް19 އާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެންދިޔަ ތިންވަނަ ސަފާރީއެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. 13 މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ކޮވިޑް19 ބަލިން ރަނގަޅުވެފައެވެ. އެމީހުން ރަނގަޅުވި ނަމަވެސް އަދި އެއްކޮށް އެމީހުން ދުލެއް ނުކުރެއެވެ. ސަރުކާރުން ބުނީ އެމީހުން މޮނީޓާ ކުރަމުން އަންނަ ކަމަށާއި އެމީހުން އެއްކޮށް ދޫކޮށްލާނީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށްވާ ނަމަ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *