ކޮވިޑް19 އޮޕަރޭޝަނަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު އޮޕަރޭޝަން: އެމްއެންޑީއެފް

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ރައީސް ބައްލަވާލައްވަނީ: ފޮޓޯ / ރައީސް އޮފީސް

ކޮވިޑް19 އާ ގުޅިގެން މިހާރު ރާއްޖޭގައި ކުރިޔަށް މިގެންދާ އޮޕަރޭޝަންތަކަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭގައި ކުރިޔަށް ގެންދިޔަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މި އޮޕަރޭޝަން ކުރިޔަށް ގެންދަނީ ވަރަށް ގިނަ މުއައްސަސާތައް ގުޅިގެން ކަމަށެވެ. ޝަމާލް ވިދާޅުވީ ހުރިހާ މުއައްސަސާތަކެއް އެއްތަންވެ މިކަމާއި ގުޅުންހުރި މަސައްކަތްތަކާއި ސްޓްރެޓެޖީތައް ހެދުމާއި މިފަދަ ކަންކަމަށް ބަލާ، މި އޮޕަރޭޝަނަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިންގާ އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ.

އެ އޮޕަރޭޝަންގެ ލޮޖިސްޓިކްސްގެ އެންމެ ބޮޑު ބައެއް އޮތީ އެމްއެންޑީއެފްއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެމްއެންޑީއެފް އިން އަންނަނީ މި ނޫނަސް ގިނަ މަސައްކަތްތަކެއް މި ހާލަތުގައި ކުރަމުންނެވެ. އެގޮތުން އެ މުއައްސަސާއިން އިއްޔެ ވަނީ މުޅި މާލެ ސިޓީ ޑިސްއިންފެކްޓު ކުރުމުގައި މާލެސިޓީ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ރާއްޖޭގައި ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސަރުކާރުން ވަނީ ދަރުބާރުގޭގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށްފައެވެ. އެ ސެންޓަރުގައި އަންނަނީ ސައުވީސް ގަޑިއިރު ސަރުކާރުގެ އެކި އިދާރާތަކުން މަސައްކަތް ކުރަމުންނެވެ.

ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.