ނަތީޖާތައް ލުއި ގޮތެއްގައި ނުނަގާ، ބަލީގެ ނުރައްކާ ކޮންމެ ވަގުތަކުވެސް ބޮޑުވެދާނެ!

ޑރ. މުރާދު ނޫސްވެރިންނާއި ބައްދަލުކުރައްވާ ކޮވިޑް19 ގެ މައުލޫމާތު ދެއްވަނީ: ފޮޓޯ / މިހާރު

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުން ބަލިން ރަނގަޅުވި ނަމަވެސް އެ ނަތީޖާތައް ލުއި ގޮތެއްގައި ނުނެގުމަށް އައިޖީއެމްއެޗު ހޮސްޕިޓަލުގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއަދު ވާހަކަދައްކަވަމުން ޑޮކްޓަރު މުރާދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި އަދިވެސް ބަލި ދަނީ ފެތުރެމުން ކަމަށާއި އެ ބަލީގެ ހާލަތު ރަނގަޅު ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮވިޑް19 ގެ ބަލީގެ ނުރައްކާ ކޮންމެ ވަގުތެއްގައި ވެސް ބޮޑު ވެދާނެ ކަމަށާއި އެހެންކަމުން އެކަމަށް އާއްމު ރައްޔިތުން ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ނޫސްތަކުން ވެސް އަދި އެހެން ގައުމުތަކުގެ ހާލަތުތައްވެސް އަޅުގަނޑުމެންނަަށް އެބަ އިނގޭ. އެހެންވީމަ މިކަން ކަމަށް ބަލާފައި މި ބަލި އަދިވެސް ކޮންޓްރޯލް ނުވާކަން އެބަ އިނގޭ. އެހެންވީމަ މިހާރު ލިބިފައި ހުރި ނަތީޖާތައް ލުއި ގޮތެއްގައި ނުނެގުމަށް އިލްތިމާސް ކުރަން،" ޑޮކްޓަރު މުރާދު ވިދާޅުވިއެވެ.

މުރާދު ވިދާޅުވީ މިހާރު ބަލީ ޖެހިފައިވާ މީހުންގެ ތެރެއިން ފަސް މީހުން ރަނގަޅުވެފައިވާއިރު ބައްޔަށް ފަރުވާ ދެމުން ދަނީ 8 މީހަކަށް ކަމަށެވެ. އެ ހުރިހާ އެންމެންގެ ހާލަތުވެސް ރަނގަޅު ކަމަށް ޑޮކްޓަރު މުރާދު ވިދާޅުވިއެވެ.

މުޅި ރާއްޖެއިން މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 13 މީހެކެވެ. އެ ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އޭގެތެރެއިން ފަސް މީހަކު މިހާރު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *