ކޮވިޑްގެ ތޫފާނުގެ ވިލާތައް ދަނީ ރާއްޖެއާ ދިމާލަށް ދަތުރު ކުރަމުން

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވާއިރު، އޭގެ ނުރައްކާތެރިކަން ރާއްޖެއަށް އިތުރަށް ފޯރާފާނެ ކަމަށާއި އެހެންކަމުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ޑރ. މުހައްމަދު އަލީ ގޮވާލައިފިއެވެ.

ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓްވީޓަކަށް ރީޓްވީޓު ކުރައްވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ، ކޮވިޑްގެ ތޫފާނުގެ ވިލާތައް ދަނީ ރާއްޖެއާ ދިމާލަށް ދަތުރު ކުރަމުން ކަމަށާއި، އެހެންކަމުން ގެއިން ބޭރަށް އެއްވެސް ފަރާތަކުން ނިކުމެ ނޫޅުމަށް ޑރ. މުހައްމަދު އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުން ބަލިން ރަނގަޅުވި ނަމަވެސް އެ ނަތީޖާތައް ލުއި ގޮތެއްގައި ނުނެގުމަށް ރާއްޖޭގެ ސިއްހީ މަހިރުންވަނީ ގޮވާލާފައެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އަދިވެސް ބަލި ދަނީ ފެތުރެމުން ކަމަށާއި އެ ބަލީގެ ހާލަތު ރަނގަޅު ނުވާ ކަމަށާއި، އެހެންކަމުން ކޮންމެ ވަގުތެއްގައި ވެސް މި ބަލި އިތުރަށް ބޮޑު ވެދާނެ ކަމަށާއި އެހެންކަމުން އެކަމަށް އާއްމު ރައްޔިތުން ސަމާލުކަން ދިނުމަށް ސިއްހީ މަހިރުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ފަސް މީހަކުވަނީ މި ބަލިން ރަނގަޅުވެފައެވެ. އަދި އެ ފަސް މީހުންގެ ތެރެއިން ދެ މީހަކު ވަނީ ގެއަށް ބަދަލުކޮށްފައެވެ. ކޮވިޑް19 އާއި ގުޅިގެން ސަރުކާރުންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ކޮލެޖްތައް ބަންދުކުރުމާއި، މާލޭގެ ކެފޭ އަދި ރެސްޓޯރަނެންޓް ބަންދު ކުރުމާއި، ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރުމާއި، ރިސޯޓުތަކުން މީހުން ރަށްތަކަށް ދިއުމުގެ އިތުރުން އެނޫންވެސް އެކި ފިޔަވަޅުތައް އަޅާފައި ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.