އަންނަ ހަފްތާއިން ފެށިގެން މެންބަރުން ގޭގައި ތިބެގެން މަސައްކަތް ކުރަނީ

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިޔަށް ދަނީ: ފޮޓޯ / މަޖިލިސް

ރާއްޖެއިން ކޮވިޑް19 ވައިރަސް ފެނިފައިވުމާއި ގުޅިގެން މިވަގުތު މެދުކަނޑާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް މަޖިލިސް މެންބަރުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވާތީ ޖަލްސާތައް ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށް މިއަދު މަޖިލީހުގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމެޓީތަކުގެ މުގައްރިރުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އެ ބައްދަލުވުމުގައި ވަނީ އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް ގޭގައި ތިބެގެން ކުރުމަށް ނިންމާފައެވެ. ރައްޔިތުންގެ މަޖިލީހުން ކުރި ޓުވީޓެއްގައި ބުނީ އަންނަ ހަފުތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް ބޭނުން ކޮށްގެން ކަމަށާއި މެންބަރުން ބޭނުން ކުރައްވާނީ އެބޭފުޅުންގެ ރަސްމީ އީމެއިލް އެޑްރެސް ކަމަށް މަޖިލީހުން ބުނެއެވެ. އަދި އެ ޖަލްސާތަކުގެ ލައިވް ފީޑް މީޑިއާއަށް ލިބޭނެ އިންތިޒާމް ހަމަޖައްސަމުން ގެންދާ ކަމަށް މަޖިލިސް އިދާރާއިން ބުނެއެވެ.

ކޮވިޑް19 އާ ގުޅިގެން މި ހަފްތާ ސަރުކާަރު ބަންދުުކޮށްފައިވާއިރު، މި ހަފްތާގައި މަޖިލީހުގެ އެއްވެސް ޖަލްސާއެއް ބާއްވައިފައެއް ނުވެއެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ ކޮންމެހެން ބާއްވަންޖެހޭ ޖަލްސާތައް މަޖިލީހުން ބާއްވާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.