ޕާކިސްތާނުގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދެއްވައިފި

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ގުރެއިޝީ --

ޕާކިސްތާނުގެ ފޮރިން މިނިސްޓަރ މަޚްދޫމް ޝާހް މަޙްމޫދު ޤުރޭޝީއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވައިފިއެވެ.

މި ދައުވަތު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދެއްވީ ޕާކިސްތާނުގެ ބޮޑުވަޒީރަށް ގުޅުއްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ޤުރޭޝީއަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ފޯނު ކޯލުގައި ބޮޑަށް ވާހަކަ ދެކެވިފައި ވަނީ މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެންނެވެ. އެގޮތުން ދެބޭފުޅުން ވެސް ވަނީ މިކަމާއި ގުޅިގެން މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާނުގައިވެސް ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯކްކުރުމަށް ޕާކިސްތާން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް މިނިސްޓަރ ޝާހިދު ތައުރީފް ކުރައްވާފައެވެ.

އަދި ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮވިޑް19 ގެ ސަބަބުން ކުރަމުންދާ އަދި ކުރާނެ އަސަރުތަކާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މައުލޫމާތު އަރުވާފައެވެ. ހަމައެއާއެކު ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތުވެސް ޕާކިސްތާނުގެ ފޮރިން މިނިސްޓަރާ މިނިސްޓަރު ޝާހިދު ހިއްސާ ކުރެއްވިއެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި، ޚާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަޤީންކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މިނިސްޓަރު ޝާހިދު އެރުވިއެވެ.

ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ޝާހިދު ވަނީ ދާދިފަހުން ސާކް ޤައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ވީޑިއޯ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުށަހެޅުއްވި ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސަރަހައްދީ ޤައުމުތަކުގެ ސިއްހީ އަދި ކުއްލި ޙާލަތާއި ބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މުހިއްމުކަމާއި، ކޮވިޑް19ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ.

އަދި ކޮވިޑް-19 ފަންޑަށް ރާއްޖެއިން 2 ލައްކަ ޑޮލަރު ފޯރުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ފާހަގަކުރައްވައި، ސާކް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިން 5 މިލިއަން ޑޮލަރު ކޮވިޑް-19 އާއި ގުޅިގެން ހޭދަކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާކިޔާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *