ކޮވިޑް19: ކޭމްބްރިޖުން މެއި/ޖޫން އިމްތިހާނު ކެންސަލްް ކޮށްފި

ދަރިވަރުންތަކެއް އިމްތިހާނު ހަދަނީ--

ކެމްބްރިޖް ޔުނިވާސިޓީން އަންނަ މެއި/ޖޫން މަހު ބާއްވާ އިމްތިހާނުތައް ކެންސަލް ކޮށްފިއެވެ.

ކެމްބްރިޖް ޔުނިވާސިޓީ އިން ނެރުނު ބަޔާނުގައި ބުނީ، ހަލުވި ކަމާއި އެކުގައި ދުނިޔޭގެ އެކި ގައުމުތަކުގައި ކޮވިޑް19 ވައިރަސް ފެތުރި، ގިނަ އަދަދެއްގެ ސްކޫލުތައް އެކަމުގެ ސަބަބުން ބަންދު ކޮށްފައިވާތީ އެޔުނިވަރސިޓީން ބާއްވާ އިމްތިހާން ބޭއްވޭނެ މާހައުލެއް ނެތްކަމަށް ކެމްބްރިޖް ޔުނިވާސިޓީން ބުނެއެވެ. އެގޮތުން ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ މެއި އަދި ޖޫން މަހުގެ އިމްތިހާން ނުބާއްވާނެކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ކެމްބްރިޖްގެ މި ނިންމުމުން ރާއްޖެއަކަށް މާބޮޑަށް އަސަރެއް ނުކުރާނެއެވެ. އެއީ އޭ ލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ އެޑެކްސެލް އިމްތިހާނެއެވެ. އަދި އޯލެވެލްގައި ރާއްޖޭގެ ދަރިވަރުން ހަދަނީ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ކެމްބްރިޖުން ދޭ އިމްތިޙާންއެވެ. ނަމަވެސް އަމިއްލަ ބައެއް ސްކޫލްތަކުގައި މެއި އަދި ޖޫންގައި ކެމްބްރިޖް އިމްތިހާނު ހަދައެވެ.

ކެމްބްރިޖްގެ މެއި ޖޫން އިމްތިހާން ރާއްޖެއިން ހަދަނީ ވަރަށް މަދު ކުދިންތަކަކަށްވާތީ ކެމްބްރިޖާއި ސްކޫލްތަކުގެ އިސްފަރާތްތަކާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި މިކަމުގައި ނިންމާ ގޮތްތަކެއް ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރން ވިދާޅުވެއެވެ.

ކެމްބްރިޖް ޔުނިވާސިޓީން ބުނީ އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދަރިވަރުންނާއި ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިން ކަށަވަރުކޮށް ހަމަހަމަކަމާ އެކު ކިޔެވޭނެ މާހައުލެއް ފަހިކޮށްދިނުމަށް ކަމަށެވެ. އިމްތިހާންތަކަށް ތައްޔާރުވުމަށް ދަރިވަރުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ބަލައިގަންނަ ކަމަށާއި އެހެންވެ ލިބެން ހުރި މައުލޫމާތުތަކަށް ބަލައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް މަސައްކަތްކުރާނެ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

ޖޫން މަހު ބާއްވާ އިމްތިޙާނާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ އެ އިމްތިހާން ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ. އަދި ކޯވިޑް-19 އާ ގުޅިގެން އޯލެވެލް އިމްތިޙާނާއި ސްކޫލް ޗުއްޓީއަށް ބަދަލު ގެނެސްފައި ނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *