ފަރުދީ ޒިންމާ އަދާކުރޭ، ފަސިންޖަރުންނާއި އެކުގައި ސެލްފީ ނުނަގާ!

އެމްއޭސީއެލް އިން އާއްމުކޮށްފައިވާ ޕޯސްޓަރެއް --

ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނާއި އެއްކޮށް ސެލްފީ ނުނަގަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފިއެވެ.

އެމްއޭސީއެލް އިން މިގޮތަށް އިލްތިމާސްކޮށްފައިވާއިރު ރާއްޖެއަކީ ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ޗުއްޓީ ހޭދަ ކުރަމުން އަންނަ ގައުމެކެވެ. އެހެންކަމުން އެފަދަ މީހުން ރާއްޖެ އަންނައިރު އަބަދުވެސް އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުން ފޮޓޯއާ ސެލްފީ އަންނަނީ ނަގަމުންނެވެ. ނަމަވެސް މި ދުވަސްވަރަކީ ކޮވިޑް19 ރާއްޖެއިން ފެނިފައިވާ ދުވަސްވަރެކެވެ. އަދި ރާއްޖެ އައިސްފައިވާ މެޗެސްޓަ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ ވަނީ ރާއްޖެ ދިޔަ ފަހުން މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ފެލައިނީއާ އެކުގައި އެމްއޭސީއެލްގެ މުވައްޒަފުން ވަނީ ފޮޓޯ އަދި ސެލްފީ ނަގާފައެވެ. އެމްއޭސީއެލުން ބުނީ ގައިގޯޅިވެ ފޮޓޯ ނެގުމަކީ މި ދުވަސްވަރު ރައްކާތެރި ކަމެއް ނޫން ކަމަށެވެ. އަދި އެ ކުންފުނިން ބުނީ މަސައްކަތުގެ މާހައުލުގައި ސޯޝަލް ޑިސްޓޭންސް ނުވަތަ އިޖުތިމާއީ ދުރުމިން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ފެލައިނީއާ އެކުގައި ސެލްފީ އަދި ފޮޓޯ ނެގި މުވައްޒަފުން ކޮވިޑް19 އަށް ވަނީ ނެގެޓިވްވެފައެވެ. މީގެއިތުރުން ވެސް ފެލައިނީއާ ޑައިރެކްޓު ކޮންޓެކްޓުވި 20 ފަރާތެއް މިހާރު ފާހަގަކުރެވިފައިވާ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެެތެރެއިން ފަސް މީހަކު ވަނީ ރީތި ރަށުގައި އެކަހެރިކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *