ކޮވިޑް19: ނަތީޖާ ނުލިބޭ 20 ސާމްޕަލްއެއް

ބްލަޑް ސާމްޕަލްއެއް/ ފޮޓޯ- ގޫގުލް

ކޮވިޑް19 އަށް ޝައްކު ކުރެވިގެން މިހާތަނަށް ނެގި ސާމްޕަލްތަކުގެ ތެރެއިން 20 ސާމްޕަލްއެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށް ސަރުކާރުގެ ފަރާތުން ކޮވިޑް19ގެ މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާން މަބަރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަނަށް ކޮވިޑް19 އަށް ޝައްކު ކުރެވިގެން 702 ސާމްޕަލއެއް ނަގާފައިވާ ކަމަށާއި، އޭގެތެރެއިން 20 ސާމްޕަލްއެއްގެ ނަތީޖާ އަދި ނުލިބޭ ކަމަށެވެ.

މުޅި ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 13 މީހެކެވެ. އެ މީހުންގެ ތެރެއިން ފަސް މީހަކު މިހާރު ރަނގަޅުވެފައިވާއިރު މިހާރު ފަރުވާ ދެމުން ދަނީ އަށް މީހަކަށެވެ. މީގެއިތުރުން ރާއްޖެއިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މުހިއްމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ބޭރުގެ ބައެއް ގައުމުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފައިވާއިރު އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން އަރާ ފޭބުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުމާއި ޖަމާއަތުގައި ނަމާދު ކުރުމާއި މީހުން ގިނައިން އެއްވާ ހަރަކާތްތައް ނުބޭއްވުން ވެސް ހިމެނެއެވެ.

މީގެއިތުރުން މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ސަރުކާރުން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.