ހަތަރު ރިސޯޓަކުން ނެގި ސާމްޕަލްތައް ނެގެޓިވްވެއްޖެ

ކްލަބް މެޑް ކަނި ފިނޮޅު/ ފޮޓޯ- ގޫގުލް

ރާއްޖޭގައި ކޮވިޑް19 އަށް ޝައްކު ކުރެވިގެން ހަތަރު ރިސޯޓަކުން ޓެސްޓު ކުރި މީހުންގެ ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ސިނަމަން ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކޮލަބް މެޑް ކަނިފޮނިޅުން ނެގި ސާމްޕަލްތަކުގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށްތަކާއި އުޅަނދު މޮނިޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ހަކުރާ ހުރާއިން އެކަހެރި ކުރި މީހާގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ މީހާ އާ އެއާޕޯޓުން ބައްދަލުވި ބަޔަކު ޓެސްޓު ކުރުމަށްޓަކައި އެކަހެރިކުރެވިފައިވާކަމަށް މަބުރޫކު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ސްޓާފަކު ހިމެނޭ ކަމަށާއި، މި އެންމެންވެސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޖުމްލަ 13 މީހަކު ޕޮޒިޓިވްވި ނަމަވެސް އޭގެތެރެއިން ފަސް މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު އެ ބައްޔަށް ފަރުވާ ދެމުން ދަނީ ޖުމްލަ 8 މީހަކަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *