ރާއްޖެއަށް އެހީ ފޮނުވުމަށް ދަތިވަނީ އެކަށީގެންވާ ރޫޓެއް ނެތުމުން: ޗައިނާ ސަފީރު

ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިފދް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފއި ހުރި ސަފީރ/ ފޮޓޯ- ޓުވީޓާ

ކޮވިޑް-19 އާ ގުޅިގެން ދިވެހި ސަރުކާރުން ޗައިނާ ސަރުކާރުގެ ކިބައިން އެދިފައިވާ އެހީ ފޮނުވުމަށް ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް އެހޯ ފޮނުވާނެ މަގެއް ހޯދުމަށް މަސައްކަތްކުރަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެ ދިންކަމަށާއި، ދިވެހިންނަށް އެހީވާން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި އެހީގެ ތަކެތި ފޮނުވުމަށް މިހާރު ތައްޔާރުވެފައިވާކަމަށާއި، އެހެންނަމަވެސް ފޮނުވާނެ ފްލައިޓެއް ބަލަމުންދާކަމަށެވެ. ރާއްޖެއާއި ޗައިނާ އާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު، ބައިނަލްއަޤްވާމީ ގިނަ އެހެން ފްލައިޓްތައްވެސް މެދުކަނޑާލާފައިވުމުން ރާއްޖެއަށް ޗައިނާއިން މުދަލާ މީހުން ގެނައުމަށް ގިނަ ހުރަސްތަކެއް މިހާރު ވަނީ ކުރިމަތިވެފައެވެ.

ޗައިނާ ސަފީރުގެ ޓްވީޓާއި ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް އައިސްފައިވާ ހުއްޓުމުގެ ސަބަބުން ފްލައިޓްތައް ހޯދުމަށް ދަތިވާނެކަން ދިވެހި ރައްޔިތުން ޤަބޫލުކުރާކަމަށެވެ. އެހެންނަމަވެސް އަވަސް މުސްތަޤްބަލެއްގައި މި އެހީ ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމަކީ ޗައިނާއެވެ. އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު 81,093 އަށް ވަނީ އަރާފައެވެ. އަދި ތިންހާހަށްވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.  ކޮވިޑް-19 ވައިރަސްގެ ސަބަބުން ޗައިނާގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖެއިން ވަނީ އެއް މިލިއަން މަސްދަޅު ހަދިޔާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *