ކޮވިޑް19: ސައުދީގެ ފިޔަވަޅުތައް ވަރުގަދަކޮށްފި، ދިވެހިން ސަމާލުވާން މިނިސްޓްރީން އަންގައިފި

ސައުދީ އަރަބިއްޔާގެ އެއާޕޯޓުތެރެ--

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ފެނިފައިވާ ސައުދީ އަރަބިއްޔާގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވާތީ އެކަމަށް ދިވެހިން ސަލާމަތްވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ މުޅި ދުނިޔޭގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސައުދީ އަރަބިއްޔާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިރެއިން ފެށިގެން 21 ދުވަހުގެ މުއްދަތަކަށް، ރޭގަނޑު 19:00 އިން ހެނދުނު 06:00 އަށް، އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކާފިއު އެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

ވީމާ، އެ ދުވަސްތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އަދި މިވަގުތު އެގައުމުގައި ތިބި ދިވެހިން އެކަމަށް ސަމާލުވުމަށް އެދެމެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދޭ ކަމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، އެ މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް އިލްތިމާސްކުރާ ކަމަށާއި އެގޮތުން، ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެ ގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓާ ކުރުމަށް އެދޭ ކަމަށެވެ.

މީގެއިތުރުން ފޮރިން މިނިސްޓްރީން ވަނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން، ބަންގްލަދޭޝްއިން ވައިގެމަގުން ސީދާ ދަތުރުކުރާ ފަރާތްތަކާއި، މިދިޔަ 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝްއަށް ޓްރާންސިޓްކޮށް ނުވަތަ ޒިޔާރަތްކޮށްފައިވާ ފަސިންޖަރުން ދިވެހިރާއްޖެއަށް އައުން ވަގުތީ ގޮތުން މެދުކަނޑާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެފައެވެ.

ބަންގްލަދޭޝްއިން ދަތުރުކުރާ އަދި ޓްރާންސިޓްކުރާ ދިވެހި ރައްޔިތުންނަށާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ރާއްޖެއަށް އައުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި އެހެން ނަމަވެސް، ރާއްޖެއަށް އަންނަ ދިވެހިންނާއި ދިވެހި ރައްޔިތުންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ ބަންގްލަދޭޝްގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ބަންގްލަދޭޝްގެ ސަރުކާރުގެ ނިންމުންތަކާއި އެންގެވުންތަކަށް ސަމާލުވެލެއްވުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް [ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް] ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ އެ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށްވެސް އެދޭ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.