ރާއްޖެ އަންނަ ފްލައިޓުތަކުގެ އަދަދު ބޮޑުތަނުން މަދުވެ އެއާޕޯޓު ފަޅުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު -- ފޮޓޯ / އެމްއޭސީއެލް

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 ވައިރަހާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއާލައިންތަކުން ދަތުރުތައް ހުއްޓާލުމާއި ގުޅިގެން އާއްމު ގޮތެއްގައި ބާރު ބޮޑު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ފަޅުވެއްޖެއެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އާއްމު ގޮތެއްގައި އާދިއްތަ ދުވަހެއްގައި އިންޓަނޭޝަނަލް ފްލައިޓުތަކުގެ ތެރެއިން 48 ފްލައިޓު ރާއްޖެއަށް ޖައްސާއިރު ޑޮމެސްޓިކް ފްލައިޓުތައް އުޅެނީ 50 އިން މަތީގައެވެ.

ނަމަވެސް ކޮވިޑް19 ގެ ސަބަބުން މިއަދު ރާއްޖޭގެ ވައިގެ ބަނދަރުގައި ބޯޓެއް ނެތޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ. އެހާވެސް ފަޅެވެ. އިއްޔެގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެއަށް އައިސްފައިވާ އިންޓަނޭޝަނަލް ފްލައިޓުތަކުގެ އަދަދަކީ 16 އެވެ. ޑޮމެސްޓިގް ދަތުރުތަކުގެ އަދަދު ވަނީ 25 އަށް އަރާފައެވެ.

މި އަހަރުގެ ޖެނުއަރީ ފަސްވަނަ ދުވަހަކީ ވީއައިއޭ އިން އާ ރެކޯޑެއް ގާއިމް ކުރި ދުވަހެކެވެ. އެ އާދިއްތަ ދުވަހު 252 ރަންވޭ މޫމަންޓްސް ވަނީ ރެކޯޑު ކުރެވިފައެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވާ ގޮތުގައި ރާއްޖެއަށް ޖުމްލަ ގޮތެއްގައި ކޮންމެ ދުވަހެއްގައިވެސް މަދުވެގެން 5،000 ފަތުރުވެރިން އާދެއެވެ. ނަމަވެސް މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދަކީ 200 އާ 300 އާ ދެމެދެވެ.

އެމްއޭސީއެލް އިން ބުނީ މި އަހަރުގެ ފެބްރުއަރީ މަހު ވީއައިއޭ އަށް އޮަޕަރޭޓުކުރި ފްލައިޓުތަކުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 12 ޕަސެންޓް މަދުވެފައިވާ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.