މާލޭގެ 2 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފި

މާލެ ސިޓީގެ އޭރިއަލް ފޮޓޯއެއް --

ކޮވިޑް19 އާއި ގުޅިގެން މާލޭގެ ދެ އިމާރާތެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ސަރުކާރުގެ ފަރާތުން ކަނޑައަޅާފައިވާ ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ޗައިނާއަށް ދިޔަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މަރުއަން ފެލައިނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާއާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތަކެއް ތިބި ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެހެންކަމުން އެ ދެ ގެވެސް މިހާރުވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށާއި، އެގޭގައި ތިބި މީހުންގެ ކޮވިޑް19 އަށް ޓެސްޓު ކުރަމުންދާ ކަމަށާއި އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ދެ އިމާރާތްވެސް ވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.

ފެލައިނީއާ ކޮންޓެކްޓްވި ދެ ދިވެއްސަކު ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރި ކޮށްފައިވާއިރު، އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެއެވެ. މަބްރޫކް ވިދާޅުވީ ފެލައިނީއާ ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ މީހުންނާއި ރިސޯޓުގައި އޭނާ އަށް ހިދުމަތް ކުރި މުވައްޒަފުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ. މަބްރޫކް ވިދާޅުވީ އޭނާ ފުރަން އެއާޕޯޓަށް ދިއުމަށްފަހު އޭނާއާ ބައްދަލުވި އެއްވެސް މީހަކު ހުރި ކަމަށްވާ ނަމަ ނުވަތަ އޭނާއާ ސަލާމް ކޮށްފައިވާ އެއްވެސް މީހަކު ހުރި ނަމަވެސް އެކަން ރިޕޯޓު ކުރުމަށް އެދޭ ކަމަށެވެ.

ފެލައިނީ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވަނީ މި މަހުގެ 8ވަނަ ދުވަހުއެވެ. އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ މި މަހުގެ 12ވަނަ ދުވަހުއެވެ. އަދި އޭނާއަށް ކޮވީދް19 ޖެހިފައިވާކަން އެނގުނީ މި މަހުގެ 20ވަނަ ދުވަހުއެވެ. މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓުގައި ކަމަށެވެ. އެހެންކަމުން 14 ދުވަހުގެ މުއްދަތަށް ބަލާއިރު ފެލައިނީ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ ދުވަހަކީ މި މަހުގެ ހަވަނަ ދުވަސް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއިި، އަދި ފެލައިނީ އާ “ކްލޯޒް ކޮންޓެކްޓު” ވި މީހަކު އެކަހެރިކޮށްފައިިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އިތުރު ދެ މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފިއެވެ. މިއާއެކު މިހާރު ރާއްޖޭގައިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވި ފަސް މީހަކު އެ ބަލިން ރަނގަޅު ވެފައެވެ. އަދި ފަރުވާ ދެމުންދަނީ ބަކީ އަށް މީހަކަށެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފައެވެ. އަދި އެއާއެކު ތަފާތު އެކި ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ. އެގޮތުން މަގުތަކަށް މީހުން އެއްވުން މަނާ ކުރުމާއި ކާބޯތަކެތި ވިއްކާ ތަންތަން ބަންދު ކުރުންވެސް ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.