60 އަށް ވުރެ ގިނަ މީހުން ސިނަމަން ހަކުރާ ކޭސްއާއި ގުޅިގެން އެކަހެރިކޮށްފި

ސިނަމަން ހަކުރާ ހުރާ / ފޮޓޯ- ގޫގުލް

ސިނަމަން ހަކުރާހުރާއިން ކޮވިޑް19 ގެ އަލާމާތްތައް ފެނުނު ކޭސްއާއި ގުޅިގެން 60 އަށް ވުރެ ގިނަ މީހުން އެކަހެރިކޮށްފި ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 އާއި ގުޅޭ ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ހަކުރާ ހުރާއިން އެކަހެރި ކުރި މީހާގެ ނަތީޖާ އަދި ލިބިފައިނުވާ ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ މީހާ އާ އެއާޕޯޓުން ބައްދަލުވި ބަޔަކު ޓެސްޓު ކުރުމަށްޓަކައި އެކަހެރިކުރެވިފައިވާކަމަށް މަބުރޫކު ވިދާޅުވި އެވެ.

އޭގެ ތެރޭގައި އެމްއޭސީއެލްގެ 41 ސްޓާފަކާއި، ކަސްޓަމްސްގެ 17 ސްޓާފަކާއި، އިމިގްރޭޝަންގެ އެއް މުވައްޒަފުގެ އިތުރުން ޓީއެމްއޭގެ ތިން ސްޓާފަކު ހިމެނޭ ކަމަށާއި، މި އެންމެންވެސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މި މަހުގެ 20 ވަނަ ދުވަހު މާލެ އައި މީހަކާ ގުޅިގެން ޓެސްޓް ހެދި އޭނާ ވަނީ އައިސޮލޭޓް ކުރެވިފައިިވާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ އެއާއި ގުޅިގެން އެމީހައާއި ކޮންޓެކްޓް ޓްރޭސްވި މީހުން އެކަހެރިކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން އިތުރު ދެ މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފިއެވެ. މިއާއެކު މިހާރު ރާއްޖޭގައިން ވަނީ ކޮވިޑް19 އަށް ޕޮޒިޓިވްވި ފަސް މީހަކު އެ ބަލިން ރަނގަޅު ވެފައެވެ. އަދި ފަރުވާ ދެމުންދަނީ ބަކީ އަށް މީހަކަށެވެ. ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފައެވެ. އަދި އެއާއެކު ތަފާތު އެކި ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ. އެގޮތުން މަގުތަކަށް މީހުން އެއްވުން މަނާ ކުރުމާއި ކާބޯތަކެތި ވިއްކާ ތަންތަން ބަންދު ކުރުންވެސް ހިމެނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.