ރާއްޖެއިން ޕޮޒިޓިވްވި އިތުރު ދެ މީހަކު ރަނގަޅުވެޖެ

ކޮވިޑް19 އާ ގުޅޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތުތައް ރައީސް ސޯލިހު ހޯއްދަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަައްކަވަމުން މިކަމުގައި ހަރަކާތްތެރިވާ އައިޖީއެމްއެޗުގެ ޑޮކްޓަރުންގެ ޓީމުގެ ބޭފުޅަކު ވިދާޅުވީ މިހާތަނަށް 13 މީހަކު މި ބައްޔަށް ޕޮޒޮޓިވްވެފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އަދި އަލަށް ވަނީ ދެ މީހަކު ނެގަޓިވްވެފައިވާ ކަމަށާއި އެހެންކަމުން އެ ދެމީހުން ގެއަށް ދޫކޮށްލެވިފައިވާ ކަމަށް އެ ޑޮކްޓަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާތަނަށް 673 ސާމްޕަލް ނެގިއިރު، 660 ސާމްޕަލް ވަނީ ނެގަޓިވްވެފައިވާ ކަމަށެވެ. މަބްރޫކް ވިދާޅުވީ  ކަރަންޓީން އަދި އައިސޮލޭޝަންގައި ވެލިދޫގައި 19 މީހަކު އެބަހުރި ކަމަށެވެ. މިވަގުތު ފަރުކޮޅުފުށީގައި މީހަކު ނެތް ކަމަށާއި ދަރުމަވަންތަ ހޮސްޕިޓަލުގައި މިވަގުތު ތިން މީހަކު އެބަ އޮތް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައިވާ ކަރަންޓީނު ފެސިލިޓީތަކުގައި 496 މީހުން އެބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މިދިޔަ 24 ގަޑިއިރުތެރޭގައި ސެނަހިޔާގައި ހުންނަ ކްލިނިކަށް 177 މީހުން ފަރުވާ ހޯދާފައިވާ ކަމަށާއި އަދި ޓްރެވަލް ކްލިނިކަށް 18 މީހުން ފަރުވާ ހޯދާފައިވާއިރު އެކްސްޕާޓް ކްލިނިކަށް 16 މީހުން ފަރުވާ ހޯދާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފައެވެ. އަދި އެއާއެކު ތަފާތު އެކި ފިޔަވަޅުތައް ސަރުކާރުން ދަނީ އަޅަމުންނެވެ. އެގޮތުން މަގުތަކަށް މީހުން އެއްވުން މަނާ ކުރުމާއި ކާބޯތަކެތި ވިއްކާ ތަންތަން ބަންދު ކުރުންވެސް ހިމެނެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.