ކްލޮރިން އަޅައިގެން މާލޭގެ މަގުތައް ދޮންނަން ފަށައިފި

މާލޭގެ މަގުތައް ސާފު ކުރުން/ ފޮޓޯ- އެމްއެންޑީއެފް

ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން އެކަމުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުޓީމާއި، މާލެ ސިޓީ ކައުންސިލާއި ގުޅިގެން މަލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ، ސާފު ކުރުމުގެ މަސައްކަތް ކުރުމުގެ އިތުރަށް، ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް މިއަދު ކުރާނެ ކަމަށެވެ. ރާއްޖެއިން ކޮވިޑް19 ފެނިފައިވާއިރު މާލެސިޓީ ކައުންސިލުން ވަނީ މާލޭގެ ޕާކުތައް ވެސް ބަންދުކޮށްފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޖުމްލަ 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި އޭގެތެރެއިން ތިން މީހަކު އެ ބައްޔަށް ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވާތީ ސަރުކާރުން ވަނީ މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މި ހާލަތުގައި މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދު ކޮށްފައިވާއިރު ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން ވެސް ސަރުކާރުން ވަނީ މަނާ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *