ތޮއްޑޫ އާއި ނަރުދޫ؛ ފޮޓޯތަކާ އެކު، ބަހުގެ ހަމާލާތަކުގެ ހަނގުރާމައެއްގައި

ށ. ނަރުދޫގެ ފޮޓޯއަކާއި އއ.ތޮއްޑޫއާ އަޅާ ކިޔާ ފޮޓޯ: ފޮޓޯ / ނަރުދޫ ފޭސްބުކް ޕޭޖު

ޒަމާނުއްސުރެ އއ. ތޮއްޑޫއަކީ ދަނޑުވެރި ކަމަށް މަޝްހޫރު ރަށެކެވެ. ހާއްސަކޮށް ކަރައަށެވެ. ދިވެއްސެއްގެ އަރު ތެރޭގައި ތޮއްޑޫ ކަރައެއްގެ ރަހަ ނުލާ މީހަކު ނުހުންނާނޭ ބުންޏަށް މުޅި އަކުން ދޮގެއް ނުވާނެއެވެ. ނަމަވެސް ދަނޑުވެރިކަމާއި ކަރާ ހެއްދުމާއި މި ކަންކަމަކީ މިއަދު ތޮއްޑޫ މީހުން އެކަނި ކޮށް އުޅޭ ކަންކަމެއް ނޫނެވެ. ފަހަރުގައި ތޮއްޑޫ މީހުން ކަރާ ހެއްދުމަށް ކުރާ މަސައްކަތް އެހެން ރަށެއްގެ އެހެން ބަޔަކު ތަފާތު ގޮތަކަށް ކޮށް އުޅުމަކީ ވުން އެކަށީގެންވާ ކަމެކެވެ. އެތައް ބައެއްގެ ބުރަ މަސައްކަތުން ތަފާތު އެކި ޒާތުގެ ދަނޑުވެރިކަން ކުރަމުން އަންނަ ތޮއްޑޫ މަތިން ބަލާލާއިރު އެރަށް ފެންނަނީ ފެހިކަން ގަދަ ބޮޑު ރަށެއްގެ ގޮތުގައެވެ. ސޯޝަލް މީޑިއާއިން ފެނިފައިވާ ފޮޓޯތަކާއި ބައެއް ފޮޓޯ ގްރާފަރުންގެ ކެމެރާތަކަކުގެ ލެންސުތައް މި ރަށަށް އަމާޒުވަނީ މިފަދަ އެތައް ކަމަކާއި ގުޅިގެންނެވެ.

ނަމަވެސް މިހާރު ސޯޝަލް މީޑިއާއިން މި ފެންނަ މަންޒަރުތަކަކީ މުޅިން ތަފާތު މަންޒަރެކެވެ. މި މަންޒަރު ފެނި ރާއްޖޭގެ ރަށްތަކުގައި އަދިވެސް ވާދަވެރިކަމާއި އެއް ރަށަށްވުރެ އަނެއް ރަށް ކުރި އަރައިގެން ދިއުމުގެ ޖޯޝު އޮތް މިންވަރު ފެނިގެން އެބަދެއެވެ. ށ. ނަރުދޫ މީހުންނާއި ތޮއްޑޫ މީހުން ފޭސްބުކްގައި ތަޅާ ފޮޅަނީއެވެ. ގައިގަ އަތްލެވޭ ހިސާބުގައި ހުރިނަމަ މީހެއްގެ ގައިން ލޭ އޮހުރުވާލާހާ ވެސް ހޫނު ޒުވާބުތައް އަންނަނީ ކުރަމުންނެވެ.

މި ޒުވާބު ހިނގަން މެދުވެރިވީ ށ. ނަރުދޫ ކިޔާ ފޭސްބުކް ޕޭޖެއްގައި ނަރުދޫގެ ފެހިކަން ދައްކުވައިދޭ ފޮޓޯއަކާއި ތޮއްޑޫގެ ފޮޓޯއެއް އަޅާ ކިޔާލި ހިސާބުންނެވެ. ނަރުދޫ އަދި ތޮއްޑޫގެ މަންޒަރު ފެންނަ އެ ފޯޓޯގަނޑުގެ މަތީގައި ވަނީ ނަރުދޫއެވެ. ތިރީގައި ވަނީ ތޮއްޑޫއެވެ. މަތީގައި އޮތް ނަރުދޫގެ ފޮޓޯގައި ބުނެފައިވަނީ މިފަދައިންނެވެ. “މިއީ ހަނަފަސް ތޮއްޑޫއެއް ނޫން، މިއީ ނަލަފެހި ނަރުދޫ” މިހެނެވެ.

އެ ފޮޓޯ ލީތާ ގިނައިރުތަކެއް ނުވެއެވެ. ތޮއްޑޫ ރައްޔިތުންނަށް ހިމޭނަކުން ނުހުރެވުނެވެ. ތޮއްޑޫގެ ރީތިކަމާއި ހިތްގައުމުކަން އެކުލެވޭ އެތަން މިތަނުގެ ފޮޓޯތައް ޝެއާކޮށް ކޮމެންޓު ކުރަން ފެށިއެވެ. އެކަކު ވަނީ ތޮއްޑޫގެ ވާވު މަގުގެ ފޮޓޯއެއް ޕޯސްޓުކޮށް އެފަދަ މަގެއް ނަރުދޫގައި އޮވޭތޯ ސުވާލު ކޮށްފައެވެ. އަދި އެފަދަ ރީތި ފެހި މަގެއް އެރަށުގައި ހުރި ނަމަ ފޮޓޯއެއް ނަގާލާފައި ދައްކާލުމަށް އެމީހާގެ ކޮމެންޓުގައި ބުންޏެވެ.

ތޮއްޑޫ ވާވު މަގު–

ތޮއްޑޫގެ އެ މީހާގެ ކޮމެންޓަށް ބާރުދޭ ދެތިން ކޮމެންޓެއް ހަމަ ތޮއްޑޫއަށް ނިސްބަތްވާ މީހުން ކުރުމަށްފަހު ނަރުދޫ މީހަކު އެރަށު ބަނދަރު ސަރަހައްދުގެ މަތިން ނަގާފައިވާ ފޮޓޯއެއް ދެއްކިއެވެ. އެ ފޮޓޯއިން ފެންނަނީ ނަރުދޫގެ ފަޅަށް ވަންނަ ތަނުން އެއްވެސް ގަލެއް ނެތިވާ ސަރަހައްދެކެވެ.

ނަރުދޫ ފަޅުތެރެ–

އެ ފޮޓޯއާ އެކުގައި ނަރުދޫގެ އިތުރު މީހަކު ފޮޓޯއެއް ލިއެވެ. އެ ފޮޓޯއިން ވެސް ފެންނަނީ ނަރުދޫގެ ފަޅުތެރެއިން ފެންނަ ކަހަލަ މަންޒަރެކެވެ. އެ ފޮޓޯ ލުމަށްފަހު ބުނީ އެއީ ހަމައެކަނި ގާކޮޅެއް ނެތް ދޮންވެލި ކޮޅެއް އޮތް މޫދު ކަމަށެވެ. މި ޒުވާބުގައި ދެން ހިފާލީ ތޮއްޑޫގެ ޒުވާން ކަނބަލެކެވެ. މާބޮޑު އެއްޗެއް ނުބުނެ ދޫކޮށްލީ ފޮޓޯއެކެވެ. ހަމައެކަނި ބުނެލިހާ ވެސް އެއްޗަކީ “މިއީ ފެހި ފެހި ޗާލު ތޮއްޑޫ” ކަމަށެވެ. ނަރުދޫ މީހުންވެސް ވަކި ދުލެއް ނުކުރެއެވެ.

ނަރުދޫގެ މޫދު ސަރަހައްދު —

މިފަހަރު ދައްކާލީ ފެހިކަން ގަދަ މުޅި ނަރުދޫގެ މަތިން ނަގާފައިވާ ފޮޓޯއެކެވެ. ބައެއް މީހުން ފުރަތަމަ ރަށުގެ މޫދުން ގާ ހޮވަން ދިއުމަށް ބުނެ މަޖާޒީ ގޮތެއްގައި ވާހަކަ ދެއްކިއެވެ. މަޖާޒީ ގޮތެއްގައި ވާހަކަ ދެއްކި ނަމަވެސް ވާހަކަ ދެކެވިފައި ހުރި ގޮތުން އެނގިގެން ދިޔައީ ތޮއްޑޫ މީހުންނާއި ނަރުދޫ މީހުންގެ ލޭ ތިބީ ހަމަ ކެކިކެކި ކަމެވެ. ކޮންމެއަކަސް

ތޮއްޑޫގެ ދަނޑުވެރިކަން ކުރާ ބިންތައް: ފޮޓޯ / ޝަރުވާން

މި ފޮޓޯއަށް މީހުން ކޮށްފައިވާ ކޮމެންޓުތަކުން އެނގިގެން ދިޔައީ ތިމާގެ އަމިއްލަ ރަށާއި އެހެން ބަޔަކު ބެހެފި ނަމަ ނުހުރެވޭނެ ކަމެވެ. މި ފޮޓޯއަށް ކޮމެންޓު ކޮށްފައި ތިބި މީހުންގެ ހުރިހާ ކޮމެންޓެއް ހިމަނާ ނުލެވުނު ނަމަވެސް އެ ފޮޓޯއަށް ކޮމެންޓުތައް ކުރަމުން ގިނަ މީހުން ދިޔައީ ފޮޓޯއިން ތަޅާ ބާލަމުންނެވެ. އެއް ރަށަށްވުރެ އަނެއް ރަށުގެ ރީތިކަން ދައްކަމުން ދިޔައީ ފޮޓޯއިންނެވެ. ކޮންމެއަކަސް ކޮންމެ ރަށަކީވެސް އޭގެ ޒާތުގައި ހިތްގައިމު ކަމެއް އެކުލެވޭނެ ކޮންމެވެސް ސިފަތަކެއް ލިބިފައިވާ ރަށްތަކެކެވެ. ކޮންމެ ރަށެއްގައިވެސް މީހުން ގަޔާވާނެ ކޮންމެ ވެސް ސިފައެއް ހުންނާނެއެވެ. ހިތްހަމަޖެހޭ ފަދަ ކަމެއް ރަށުން ނުލިބުނަސް ރަށުގެ މީހުންގެ ފަރާތުން ލިބޭ ހިތްހެޔޮ ކަމަކީ ވެސް ފޮޓޯއަކުން ދައްކާ ނުލެވުނަސް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.