މުއްދަތެއް ނެތް ގޮތަށް އެކްސްކާޝަންތަކަށް ދިއުން މަނާކޮށްފި

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

އެކްސްކާޝަންތަކުގެ ގޮތުގައި އެއްވެސް ތަނަކުން މީހުން އައުމާ ދިއުން މުއްދަތެއް ނެތް ގޮތަށް މަނާކޮށްފިއެވެ.

މީގެކުރިންވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ ރިސޯޓުތަކާއި ސަފާރީތަކާއި ގެސްޓްހައުސްތަކުން މާލެ ސަރަހައްދަށް އެކްސްކާޝަންގައި އައުމާއި ދިއުން، އަދި ރަށްރަށުންނާއި ގެސްޓްހައުސްތަކުންނާއި ރިސޯޓުތަކާއި ސަފާރީތަކުން ރާއްޖޭގެ އެއްވެސް ތަނަކަށް އެކްސްކާޝަނަށް ދިއުން، 10 ދުވަހުގެ މުއްދަތަށް މަނާކޮށްފައެވެ. އެއީ މި މަހުގެ 13ވަނަ ދުވަހުއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިވަގުތުން ފެށިގެން އެކްސްކާޝަންތަކުގެ ގޮތުގައި އެއްވެސް ތަނަކުން މީހުން އައުމާ ދިއުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި މި އެންގުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަކި ގޮތެއް އަންގަންދެން ދެމި އޮންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ވަނީ މާލެ ސަރަހައްދުގެ ޓޫރިސްޓު އެސްޓެބްލިޝްމަންޓުތަކަށް ފަތުރުވެރިން އައުން މަނާކޮށްފައެވެ. އަދި ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްރަށާ ދެމެދު ދަތުރުކުރުންވެސް މަނާކޮށްފައިވާ އިރު، ރާއްޖެއިން ބޭރުން އަންނަ ހުރިހާ ދިވެހީން 14 ދުވަސް ވަންދެން ސަރުކާރުން އަންގާ ތަނެއްގައި ކަރަންޓީން ފުރިހަމަކުރަންވެސް ވަނީ އަންގަވާފައެވެ.

މުޅި ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސަރުކާރުން ވަނީ މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.