މިއަދަކީ ދުނިޔޭގެ ފެނުގެ ދުވަސް: މި ދުވަހާއި ގުޅިގެން މިވަގުތު ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ރަނގަޅަށް އަތް ދޮވުން!

އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު : ފޮޓޯ / އަވަސް

މިއަދަކީ ދުނިޔޭގެ ފެނުގެ ދުވަސް ކަމަށާއި މިފަދަ ދުވަހެއްގައި ހުރިހާ ރައްޔިތުންނަށް ވެސް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ރަނގަޅަށް އަތް ދޮވުން ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ހުސައިން ރަޝީދު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ މިއަދަކީ، ދުނިޔޭގެ ފެނުގެ ދުވަސް ކަމަށެވެ. އަދި ވިދާޅުވީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާއަކީ ނުރައްކާތެރި ކޮވިޑް19ގެ ނުރައްކާ ކަމަށެވެ. އެހެންކަމުން މި ވަބާއިން އަރާގަތުމަށް ފަރުދުންނަށް މިއަދު ކުރެވޭނެ އެންމެ މުހިއްމު އެއް ކަމަކީ ރަނގަޅަށް އަތްދޮވުން ކަމަށް މިނިސްޓަރު ހުސައިން ވިދާޅުވިއެވެ. 

ދުނިޔޭގެ ފެނުގެ ދުވަހުގެ ގޮތުގައި "މާޗް 22" ފާހަގަކުރުމަށް އދ. ގެ އާންމު މަޖިލީހުން ކަނޑައެޅީ 1993 ވަނަ އަހަރުއެވެ. މިއަހަރުގެ ޝިއާރަކީ "ވޯޓާ އެންޑް ކްލައިމެޓު ޗޭންޖު" މިއެވެ. މީގެއިތުރުން މިއަހަރުގެ ފެނުގެ ދުވަހު ގިނައިން އަތް ދޮވުމަށް ކަމާ ގުޅުންހުރި ޖަމިއްޔާތަކުން އަންނަނީ ގޮވާލަމުންނެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑު ކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ރަނގަޅަށް ސައިބޯނި ލައިގެން ގިނައިން އަތް ދޮވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަންނަނީ އިރުޝާދު ދެމުންނެވެ. ރާއްޖޭގައިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް އަންނަނީ ގިނަ ގިނައިން އަތް ދޮވުމަށް އިލްތިމާސްކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.