ކްލޮރިން އަޅައިގެން މާލޭގެ މަގުތައް ދޮންނަނީ

މާލެ ސިޓީގެ އޭރިއަލް ފޮޓޯއެއް --

ރާއްޖެއިން ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން އެކަމުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ ސާފު ކުރުމަށް މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މާލޭގެ މަގުތައް ކްލޮރިން އަޅައިގެން ދޮވެ، ސާފު ކުރުމުގެ މަސައްކަތް އެ ކައުންސިލުން މާދަމާ ފަށާނެ ކަމަށެވެ. އެ މަސައްކަތުގައި އެމްއެންޑީއެފުން ބައިވެރިވާނެ ކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ. މާލެސިޓީ ކައުންސިލުން ބުނީ ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓްތަކާއި ހަލާކު ވެފައި ހުންނަ ޕެލެޓްތައް ނެގުމުގެ މަސައްކަތް ވެސް މާދަމާ ކުރާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް19 ފެނިފައިވާއިރު މާލެސިޓީ ކައުންސިލުން ވަނީ މާލޭގެ ޕާކުތައް ވެސް ބަންދުކޮށްފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޖުމްލަ 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި އޭގެތެރެއިން ތިން މީހަކު އެ ބައްޔަށް ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވާތީ ސަރުކާރުން ވަނީ މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މި ހާލަތުގައި މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދު ކޮށްފައިވާއިރު ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން ވެސް ސަރުކާރުން ވަނީ މަނާ ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *