ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވި ދެ ދިވެއްސަކު ޓެސްޓު ކުރަނީ

ކޮވިޑް19 އާ ގުޅޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ރާއްޖޭގެ ހާލަތާއި ގުޅޭ މައުލޫމާތުތައް ރައީސް ސޯލިހު ހޯއްދަވަނީ: ފޮޓޯ / ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވި ދެ ދިވެހިން އެ ބައްޔަށް ޓެސްޓު ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި މިރޭ ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 2 ދިވެއްސެއްގެ ފުށުން އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި ދެ މީހުން ވެލިދޫ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް ކުރަަމުންދާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް ޖުމްލަ 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން ހުރިހާ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި އޭގެތެރެއިން ތިން މީހަކު އެ ބައްޔަށް ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ދާދިފަހުން ހާމަކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް19 ފެތުރިފައިވާތީ ސަރުކާރުން ވަނީ މި މަހުގެ 12ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. މި ހާލަތުގައި މާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ބަންދު ކޮށްފައިވާއިރު ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުމާއި ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން ވެސް ސަރުކާރުން ވަނީ މަނާ ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.