ކޮވިޑް19: ސިންގަޕޫރުގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާތީ ސަމާލުވުމަށް އަންގައިފި

ސިންގަޕޫރުގެ އެއާޕޯޓުގައި ބަޔަކު މީހުން މާސްކު އަޅައިގެން --

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ސިންގަޕޫރުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުން އަންނާތީ  އެގައުމުގައި ދިރިއުޅޭ ދިވެހީންނާއި އެގައުމަށް ދަތުރުކުރާ ދިވެހީން ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އިލްތިމާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީއިން ވަނީ ސިންގަޕޫރަށް ދަތުރުކުރަން ގަސްދުކުރާ ދިވެހިން އެ ކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި އެ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވާތީ، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ. އެ މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސިންގަޕޫރުގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް19 އާ ގުޅިގެން ސިންގަޕޫރުގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މާދަމާ ރޭ ސިންގަޕޫރު ގަޑިން 23:59 އިން ފެށިގެން އެ ގައުމަށް ފަތުރުވެރިން ވަނުން އަދި ޓްރާންސިޓްކުރުން މަނާކުރަން ނިންމާފައިވާއިރު ސިއްހީ އަދި ދަތުރުފަތުރުގެ ދާއިރާފަދަ ހާއްސަ ދާއިރާތަކުގައި މަސައްކަތް ކުރާ ބިދޭސީން ފިޔަވައި، ސިންގަޕޫރުގައި މަސައްކަތް ކުރާ އެހެން ބިދޭސީއަކު އެމީހެއްގެ ގައުމަށް އެނބުރި ދިއުމަށް ފަހު ދެން ސިންގަޕޫރަށް ނުދެވޭ ގޮތް އެގައުމުން ވަނީ ހަދާފައެވެ.

ސިންގަޕޫރުން މިހާތަނަށް 455 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.