ބިދޭސީ މަސައްކަތްތެރިންނަށް އެނބުރި ރާއްޖެ އާދެވޭނީ ވަކި ހުއްދައެއްގެ ދަށުން

ބިދޭސީން މަސައްކަތް ކުރަނީ: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ރާއްޖެއަށް އެތެރެވެވޭނީ ވަކި ހުއްދައެއް ލިބިގެންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ޗުއްޓީއަށް ދިއުމަށްފަހު ރާއްޖެ އަންނަ ފަރާތްތަކާއި އެމްޕްލޯއިމެންޓް އެޕްރޫވަލް ލިބިގެން އަލަށް ރާއްޖެ އަންނަ ފަރާތްތައް ރާއްޖެ އެތެރެވުމަށް އެ މިނިސްޓްރީން ވަކި ހުއްދައެއް ނަގަންޖެހޭނެ ކަމަށެވެ. އަދި ރާއްޖެ އައުމުގެ 48 ގަޑިއިރު ކުރިން އެ ހުއްދައަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ފޯމަކުން ހުށަހަޅަންޖެހޭ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެއީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރާއްޖެއަށް ކޮންމެހެން ގެންނަންޖެހޭ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމަށްޓަކައި ދޭން ނިންމާފައިވާ ހުއްދައެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީއަށް ހުއްދައަށް އެދޭތާ 48 ގަޑިއިރުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ހުއްދަ ހަމަޖެހިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ޗުއްޓީއަށް ދިއުމަށްފަހު ރާއްޖެ އަންނަ ބިދޭސީންނާއި އަލަށް އަންނަ ބިދޭސީންނަށް ރާއްޖެ އައުމަށް ހުއްދައަށް އެދޭ ފޯމް މިނިސްޓްރީގެ ވެބްސައިޓް http://employment.trade.gov.mv/ ލިބެން ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން މިގޮތަށް ނިންމީ އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ދަށުން ރާއްޖެއަށް އަންނަ ބިދޭސީންނަށް ރާއްޖެ އެތެރެ ވެވޭނީ އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައަކާ އެކު ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހަމަޖެއްސުމާ ގުޅިގެންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.