އަމުރާއި ހިލާފުވެ ރިސޯޓަށް އެރި މީހާގެ ބަންދަށް 15 ދުވަސް

ރާއްޖޭގައި ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފަށް އަމަލުކޮށް އެހެން ރިސޯޓަކަށް އެރި ރިސޯޓެއްގެ މުވައްޒަފުގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ރޭ ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފުވެގެން އިއްޔެ ހއ. އަތޮޅުގައި ހުރި ރިސޯޓަކަށް އެ ރިސޯޓުގެ މުވައްޒަފަކު އެރުމާއި ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 19:49 އެހާކަށްހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ.

Leave a Reply

Your email address will not be published. Required fields are marked *