ފެލައިނީ އަށް ކޮވިޑް19 ޖެހުނުކަން ލަފާ ކުރެވެނީ ޗައިނާއިން: މަބްރޫކް

ފެލައިނީ --

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު މަރުއަން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އޭނާ އަށް އެ ބަލި ޖެހުނީ ޗައިނާ އިން ކަމަށް ބެލެވޭ ކަމަށް ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ފެލައިނީ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައިވަނީ މި މަހުގެ 8ވަނަ ދުވަހުއެވެ. އޭނާ ރާއްޖެއިން ފުރައިގެން ދިޔައީ މި މަހުގެ 12ވަނަ ދުވަހުއެވެ. އަދި އޭނާއަށް ކޮވީދް19 ޖެހިފައިވާކަން އެނގުނީ މި މަހުގެ 20ވަނަ ދުވަހުއެވެ.

ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަބްރޫކް އަޒީޒް ވިދާޅުވީ އޭނާ ޗުއްޓީ ހޭދަކޮށްފައިވަނީ ރީތިރަށް ރިސޯޓުގައި ކަމަށެވެ. އެހެންކަމުން 14 ދުވަހުގެ މުއްދަތަށް ބަލާއިރު ފެލައިނީ އަށް އެ ބަލި ޖެހިފައި އޮވެދާނެ ކަމަށް ބެލެވޭ ދުވަހަކީ މި މަހުގެ ހަވަނަ ދުވަސް ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރު ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށާއިި، އަދި ފެލައިނީ އާ "ކްލޯޒް ކޮންޓެކްޓު" ވި މީހަކު އެކަހެރިކޮށްފައިިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ޖުމްލަ 13 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން ތިން މީހަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ. މި ބަލި ރާއްޖޭގައި ފެތުރެން ފެށުމުން ރާއްޖޭގައި މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.