ލަންކާއިން ރާއްޖެ އައި އުޅަނދުގައި ހުރި ބިދޭސީ މީހާ ވައިރަހަށް ނެގެޓިވް

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން، ސްރީލަންކާއިން ރާއްޖެ އައި “އެލިއޯން” ކިޔާ އުޅަނދަކުން ޓެސްޓުކުރި ބިދޭސީ މީހާ އެ ވައިރަހަށް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. 

އެޗްޕީއޭ އިން ރޭ ބުނީ މި އުޅަނދު ރާއްޖެ އައިސްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި މި އުޅަނދުން ބިދޭސީއެއްގެ ގައިން ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން އޭނާގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ އުޅަނދު ވަނީ މޮނީޓަރިންގެ ހާލަތަކަށް ގެނެވިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ދަރުބާރުގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮވިޑް19 އަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުން ކޮވިޑް19 އަށް ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާ މިހާރު އެޗްއައިއެޗުގެ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.