ބްރޯޑްކޮމްއަށް ކޮމެޓީން ފާސްކުރި ނަންތަކުގެ ކުރީގައި އަނާ

ބްރޮޑްކާސްޓިން ކޮމިޝަން، (ބްރޮޑްކޮމް)ގެ ހުސްވެފައިވާ މެމްބަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ލިސްޓުގެ އެންމެ ކުރީގައި މިފަހަރުވެސް އޮތް މަޝްހޫރު ޕްރެޒެންޓަރު ޝިފްލާ އިބްރާހީމްގެ ނަން މިނިވަން މުއައްސަސާތަކާއި ބެހެ ކޮމެޓީން ކަޓުވާލުމަށްފަހު ވީޓީވީގެ ސީނިއާ އެޑިޓަރު އާމިނަތު އަމީނާ (އަނާ) އަދި ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަން ފާސްކޮށް ތަޅުމަށް ފޮނުވައިފިއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއިން ފާސްކޮށްފައިވާ ރިޕޯޓުގައިވާ ގޮތުގައި އަނާ އަދި ފަޒީންގެ ތެރެއިން އެންމެ ކުރީގައި އޮތީ އަނާގެ ނަމެވެ. ރައްޔިތުންގެ މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު 15 ނަމެއް މިދިޔަ މަހުގެ 12ވަނަ ދުވަހު ފޮނުއްވިއެވެ. އެ ލިސްޓުގެ އެންމެ ކުރީގައި ޝިފްލާ ހިމެނުނުއިރު ދެވަނާގައި އޮތީ އަނާއެވެ. އަދި ތިންވަނާގައި ހިމެނިފައިވަނީ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަމިނަތު ނުޒުހާއެވެ.

ކޮމެޓީން ފާސްކުރި ދެ ނަމުގެ ތެރޭގައި ހިމެނޭ ފަޒީންގެ ނަން ރައީސްގެ ލިސްޓުގައި އޮތީ ފަސްވަނައިގައެވެ. ކޮމެޓީން ހަތް މީހެއްގެ ނަން ފާސްކުރިއެވެ. އެ ހަތް މީހުންނަކީ:

އާމިނަތު އަމީނާ (އަނާ)

މުހައްމަދު ފަޒީން

ޒުބައިރު އަހުމަދު މަނިކު  / ގ. މަލްވިން، މާލެ

ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު

އިސްމާއީލް ސާޖިދު / މއ. ވިލާރޮދި، މާލެ

އަހުމަދު ހަލީލު / މއ. ހަތާ، މާލެ

ސަންގު ޓީވީގެ ޕްރެޒެންޓަރު އަހުމަދު ފައިރޫޒު

ކޮމެޓީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބައެއް ސަބަބުތަކާއި ހެދި ރައީސް ފޮނުއްވާފައިވާ ބައެއް ބޭފުޅުންނާއި އިންޓަވިއު ކުރައްވާފައި ނުވާ ކަމަށެވެ. އެއީ ޓީވީއެމްގެ ޕްރޮޑިއުސަރު މޫސާ ރިޟްވާން، މ. ހާވިލާ އާއި އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް މި ދެ ބޭފުޅުންވެސް އަނބުރާ ނަން ގެންދަވާތީއެވެ. މީގެއިތުރުން ރައީސް ފޮނުއްވި، ލިސްޓުގެ ތިން ވަނައިގައި އޮތް ނުޒުހާ ވަނީ ކޮމިޓީ އިންޓަވިއުގައި އަމިއްލަ ސަބަބުތަކަށްޓަކައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފައިވާތީ ނުޒުހާއާ އިންޓަވިއުކޮށްފައި ނުވެއެވެ.

ހަމަމިއާއެކުގައި ކޮމިޓީން ރުހުން ލިބުނު މީހުންގެ ތެރޭގައި ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލު ޕީޕީއެމް ޓިކެޓްގައި މާލޭ ސިޓީ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރައްވަން ވަނީ ނިންމާފައެވެ. ކޮމެޓީ ރިޕޯޓުގައި އެކަމަށް އަލިއަޅުވާލާފައިވާއިރު ބުނެފައިވަނީ އެކަން ކޮމިޓީގެ ސަމާލުކަމަށް އައީ ކޮމިޓީން އެނާގެ ނަމަށް ރުހުންދިން ފަހުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *