ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި 10 ރިސޯޓެއް، 2000އަށްވުރެ ގިނަ އެނދު

އަލީ ވަހީދު ---

ރާއްޖެއިން ނުރައްކާތެރި ވައިރަސް ކަމަށްވާ ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން އެ ބަލި ޖެހޭ މީހުންނާއި ޝައްކުކުރެވިގެން ކަރަންޓީން ކުރާ މީހުން ބެހެއްޓުމަށް 10 ރިސޯޓެއް ގާއިމްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް19 އަށް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ގާއިމްކޮށްފައިވާ 11 ރަށަކީ ބިޔާދޫ ރިސޯޓާއި ފަން އައިލެންޑް ރިސޯޓާއި ހޮލިޑޭ އައިލެންޑް ރިސޯޓާއި މަލަހިނި ކުޑަބަނޑޮހާއި ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)އާ ވަރު ބައި އެޓްމޮސްފިއާ އެނބޫދޫ ވިލެޖާއި ވެލިދޫ އައިލެންޑް ރިސޯޓުގެ އިތުރުން ދިއްގިރި ރިސޯޓު އަދި ރޯޔަލް އައިލެންޑު ރިސޯޓެވެ.

ޓޫރިޒަމް ދާއިރާ ގެ 10 ފެސިލިޓީ އެއް ކަރަންޓީނު ބޭނުމަށް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީގެ ގޮތުގައި 2288 އެނދު ހަމަޖެހިފައިވާ ކަމަށެވެ. އެއީ 1158 ކޮޓަރިއެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ 2000 އަށްވުރެ ގިނަ އެނދުނު ހަމަޖެހިގެން ދިއުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި އެ ރިސޯޓުތައް ސަރުކާރަށް އެތަންތަނުގެ ވެރިން ދީފައިވަނީ އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް ކަމަށެވެ.

ރާއްޖޭގައި ރިސޯޓުތައް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނައިރު ރާއްޖޭގެ ފަތުރުވެރިކަން ދަނީ ދުވަހެއް ދުވަހަކަށް ދަށަށް ދަމުންނެވެ. އެކަމުގެ ސަބަބުން ބައެއް ރިސޯޓުތައް މިހާރު ވަނީ ބަންދުވެސް ކޮށްފައެވެ. އަދި ބައެއް ރިސޯޓުތަކުގައި މުވައްޒަފުންނަށް ދެތިން މަހެއްގެ މުސާރަ ދިނުމަށްފަހު ގެއަށް ފޮނުވާލަމުން އަންނައިރު ކޮވީދް19 އަށް ކުރާ ހަނގުރާމާގައި ކުރިޔަށް އޮތީ އަދިވެސް އުނދަގޫ ދުވަސްތަކެއް ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

ރާއްޖެއަކީ އެވްރެޖުކޮށް 5،000 ފަތުރުވެރިން ދުވާލެއްގެ މައްޗަށް އަންނަ ގައުމެކެވެ. ނަމަވެސް އިއްޔެ އިރުއޮއްސި 18:00 އާ ހަމައަށް ރާއްޖެ އައިސްފައިވަނީ 204 ފަތުރުވެރިންނެވެ. އަދި ހުކުރު ދުވަހު ރާއްޖެއައިސްފައި ވަނީ 300އެއްހާ ފަތުރުވެރިންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.