ކޮވިޑް19: ގާޑިޔާތައް ވެސް ބަންދުކޮށްފި

މާލޭގެ ގާޑީޔާތައް/ ފޮޓޯ- ސަން

ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވާއިރު، އެކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ގާޑިޔާތައް ބަންދުކޮށްފިއެވެ.

މާލެސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ބަންދުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވާތީ، އެކައުންސިލްގެ ބެލުމުގެ ދަށުން ހިންގާ ގާޑިޔާތައް ވެސް ބަންދުވާނެ ކަމަށެވެ.

ކޮވިޑް19 އާއި ގުޅިގެން ރޭ 12:00 އިން ފެށިގެން މާލޭގެ ރެސްޓޯރެންޓު ތަކުގައި ކާބޯޓަކެތީގެ ހިދުމަތް ދިނުންވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ނަމަވެސް ރެސްޓޯރެންޓުތަކުން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުންވެސް ކޮވިޑް19 ރާއްޖޭގައި އިތުރަށް ފަތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ސަރުކާރުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ސްކޫލްތަކާއި، ޔުނިވާސިޓީ އަދި ކޮލެޖުތައް ބަންދުކުރުމާއި، ރިސޯޓުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން މަނާ ކުރުމާއި، އަދި ރަށްތަކުން ރިސޯޓުތަކަށް ދަތުރުކުރުން މަނާ ރުމާއި، ޖަމާއަތުގައި މިސްކިތްތަކުގައި ނަމާދު ކުރުން ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް19 އަށް 13 މީހަކު ޕޮޒިޓިވް ވިއެވެ. އަދި އޭގެތެރެއިން 3 މީހަކު ބަލިން ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.