ކޮވިޑް19 އާއި ދެކޮޅަށް ރިހާނާ 5 މިލިއަން ޑޮލަރު ހަދިޔާކޮށްފި

ރިހާނާ ފަސް ވަނަ އެނުއަލް ޑައިޔަމަންޑް ބޯލް ގައި ބައިވެރިވުން/ ފޮޓޯ- ފޯބްސް

ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް19 އާއި ދެކޮޅަށް ހަނގުރާމަކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި ރިހާނާގެ ފައުޑޭޝަން ކަމަށްވާ "ކްލާރާ ލަޔަނަލް" އިން 5 މިލިއަން ޑޮލަރު ހަދިޔާ ކޮށްފިއެވެ.

މަޝްހޫރު ލަވަކިޔުންތެރިއާ އަދި ވިޔަފާރިވެރިޔާ ރިހާނާ މި ފައުންޑޭޝަން އުފައްދާފައި ވަނީ 2012 ވަނަ އަހަރު އޭނާގެ ކާފައާއި މާމަގެ ހަނދާނުގަ އެވެ. މި ފައުންޑޭޝަނުން މިވަގުތު ފޯރުކޮށްދޭ އެހީތަކުގެ ތެރޭގައި، މަލާވީ، ބާބަޑޮސް އަދި ސެނެގަލް ގައި ހިލޭ އެޑިއުކޭޝަނަލް ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. އަދި ކެރިބިއަން އާއި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އިމަޖެންސީ ރެސްޕޯންސް ޕްރޮގްރާމް ތައްވެސް ކުރިއަށް ގެންދެއެވެ. އަދި އޭގެއިތުރުން ކްލާރާ ލަޔަނަލް ފައުންޑޭޝަން ގްލޯބަލް ސްކޯލާޝިޕް ޕްރޮގްރާމްވެސް ހިންގައެވެ. މި ހުރިހާ ޕްރޮގްރާމްތަކަކީ ހިލޭ ސާބަހަށް ރިހާނާ ކުރިއަށް ގެންދާ ޕްރޮގްރާމް ތަކެކެވެ.

މި ފައުންޑޭޝަނަކީ ތައުލީމާއި އަދި މިވަދަ ކުއްލި ނުރައްކަލުގެ ކާރިސާ ތަކުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އުފެއްދި ފައުންޑޭޝަނެކެވެ. ރިހަނާގެ މި ފައުންޑޭޝަނުން ކޮވިޑް19 ގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 5 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާ ކަން ވަނީ އިއުލާންކޮށް ފައެވެ. މި ފަންޑުގެ ޒަރިއްޔާއިން، ފީޑިންގް އެމެރިކާ، ޕާޓްނާސް އިން ހެލްތް، ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ކޮވިޑް19 ސޮލިޑަރިޓީ ރެސްޕޯންސް ފަންޑް އަދި އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ އަށް އެހީ ފޯރުކޮށްދޭނެއެވެ.

އޭގެއިތުރުން އެމެރިކާގެ ރިސްކް ކޮމިއުނިޓީ ތަކަށް ލޯކަލް ފުޑް ބޭންކްގެ ހިދުމަތް ފޯރުކޮށް ދިނުމަށް އެހީތެރިވުމާއި، މަލާވީ އަދި ހައިތީ ފަދަ ގައުމުތަކުގައި ކޮވިޑް19 އަށް ޓެސްޓު ކުރުން މިހާރަށް ވުރެން އިތުރުކޮށް އަދި އެ ގައުމުތަކުގެ ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދީ، ސިއްހީ ހިދުމަތްތެރިން ނަށް ބޭނުންވާނެ ޕްރޮޓެކްޓިވް ގިއާސްތައް ފޯރުކޮށް ދިނުން ހިމެނެއެވެ.

އަދި އިތުރު އިންޓޭންސިވް ކެއާ ޔުނިޓުތައް ގާއިމްކޮށް، މި ބައްޔަށް ވެކްސިން އުފެއްދުމަށާއި އެހެނިހެން ތެރެޕީތައް އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ސިއްހީ ހިދުމަތްތެރިންގެ ޓްރެއިނިންގްތައް އިތުރަށް ފުޅާކޮށް، ކޮވިޑް19 އާއި ދެކޮޅަށް އެކި ގައުމުތަކުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮސްދިނުމަށް ނިންމާފައި ވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.