ނޭޕާލުގައި މެޑިކަލް ކިޔަވަމުން އަންނަ 35 ދަރިވަރަކު ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެންނަނީ

ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަބްރޫކް އަޒީޒް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ: ފޮޓޯ / އަވަސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން ނޭޕާލުގައި މެޑިކަލް ކިޔަވަމުން އަންނަ ދިވެހި 35 ދަރިވަރުން ދިވެހި ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަދައްކަވަމުން ކޮވިޑް19 ގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުގެ ވަގުތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ދިވެހި ސަރުކާރުން ކޮވިޑް19 އާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގައި އެހީވުމަށް ބޭރު ގައުމުތަކުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ސިއްހީ ފަންނުވެރިން އެހީތެރިވުމަށް ގޮވާލާފައި ކަމަށެވެ. އަދި މިނިސްޓަރުގެ އެ ގޮވާލުމަށް އިޖާބަދީ ބޭރު ގައުމުތަކުގައި ތިބި މެޑިކަލް ކިޔަވާ 100 ދަރުވަރަކު ރާއްޖެ އައުމަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މީގެ ތެރެއިން ނޭޕާލްގައި ސިއްހީ ދާއިއިރާއިން ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކު ރާއްޖެއްޖެއަށް ގެނައުމަށް ޓިކެޓްނަގައި އެމީހުން ރައްޖެއަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އެގައުމުގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އިތުރު 67 ދަރިވަރަކު ރާއްޖެ ގެނައުމުގެ މަަސައްކަތް މިހާރު ކުރަމުންދާކަމަށާއި އެކުދިންގެ ޓިކެޓް އިޝޫކުރުމުގެ މަސައްކަތް ހެލްތް މިނިސްޓްރީން މިހާރު ކުރަމުންދާކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.

އައިޖީއެމްއެޗުން ވެސް ވަނީ ކޮވިޑް-19 ވައިރަހާއި ގުޅިގެން އެކަމުގައި ހިދުމަތް ދިނުމަށް ބޭނުންވާ ސިއްހީ ޕްރޮފެޝަނަލުންނަށް އެ މަސައްކަތަށް ނިކުތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.