ކޮވިޑް19: އިއްޔެ ރާއްޖެއަށް ޒިޔާރަތް ކުރީ 324 ފަތުރުވެރިން

ރާއްޖޭގެ ރަށެއްގައި ފަތުރުވެރިންތަކެއް: ހަތާވީސް ފޮޓޯ / މުހައްމަދު އަފްރާހު

ނުރައްކާތެރި ކޮވިޑް19 ރާއްޖެއިން ފެނިފައިވާއިރު ރާއްޖެއަށް އަންނަމުންދާ ފަތުރުވެރިންގެ އަދަދު މަދުވެފައިވާ ކަމަށާއި އެގޮތުން އިއްޔެ ރާއްްޖެއާއި 324 ފަތުރުވެރިން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދަރުބާރުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު 18:00 އާ ހަމައަށް ރާއްޖެ އައިސްފައި ވަނީ 204 ފަތުރުވެރިން ކަމަށެވެ. މަބްރޫކް ވިދާޅުވީ، އިއްޔެ ރާއްޖެއަށް އައި ދިވެހިންގެ އަދަދަކީ 192 ކަމަށާއި، ފަތުރުވެރިންނާއި، ވަޒީފާގެ ބޭނުމުގައިވެސް ރާއްޖެއަށް ބަޔަކު އައިސްފައިވާ ކަމަށެވެ. އެގޮތުން އެމްޕްލޯއިމަންޓު ވިސާގައި ރާއްޖެއަށް 54 މީހަކު ރާއްޖެއަށް އައިސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، މިއަދުގެ އިރު އޮއްސުމާއި ހަމައަށް އާ ހަމައަށް ރާއްޖެ އައިސްފައި ދިވެހިންގެ އަދަދަކީ 128 މީހެއް ކަމަށެވެ. އަދި ފަތުރު204 ފަތުރުވެރިއަކާއި، އެމްޕްލޯއިމެންޓް ވިސާގައި 17 ފަރާތެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެކުރިން ވިދާޅުވެފައިވަނީ ރާއްޖެއަކީ އެވްރެޖު ގޮތެއްގައި 5،000 ފަތުރުވެރިން ދުވާލެއްގެ މައްޗަށް އަންނަ ގައުމެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު ދަށްވެ ބޭރު ފައިސާ ރާއްޖެއަށް ވަންނަ މިންވަރު ދަށްވުމުގެ ސަބަބުން ސަރުކާރުން ހަރަދު ކުޑަ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް މިހާރު އަންނަނީ ކުރަމުންނެވެ.

ކޮވިޑް19 އާ ގުޅިގެން ދިވެހި ގައުމާއި މުހާތަބު ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާގޮތުން، ކޮވިޑް19ގެ ސަބަބުން އިގްތިސާދަށް އެންމެބޮޑަށް ލޮޅުންއަރާނެ ގައުމެއްގެ ގޮތުގައި، ރާއްޖެ ފާހަގަކުރެވޭ ކަމަށެވެ. މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް، ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައިބަލާއިރު، 22.8 އިންސައްތަ ދަށަށް ހިނގައްޖެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޖެނުއަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ބެޑްނައިޓް ކެންސަލްވެފައިވާ ކަމަށެވެ.

މިހާރު ހަދާފައި ހުރި ބުކިންގތައް ކެންސަލްވަމުންދާ ނިސްބަތަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅައި ބަލާއިރު، 12 އިންސައްތައާއި 35 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ކުރިން ސަރުކާރުން އަންދާޒާ ކޮށްފައި އޮތީ، މި އަހަރުގެ ފަތުރުވެރިކަން، 8 އިންސައްތަ ކުރިއަރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން އަންދާޒާކޮށްގެން ތިބީ، މިއަހަރުގެ ތެރޭގައި 7.5 އިންސައްތައިގައި، ޖީ.ޑީ.ޕީ ކުރިއަރާނެ ކަމަށެވެ. ނަމަވެސް ކޮވިޑް19ގެ ސަބަބުން، އިގްތިސޯދަށް އަރާނެ ލޮޅުމަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖީ.ޑީ.ޕީ ކުރިއަރާ މިންވަރު ހުންނާނެ ކަމަށް މިހާރު ބެލެވެނީ، 0.5 އިންސައްތައާއި މައިނަސް 5.6 އިންސައްތައާ ދެމެދުގެ މިންވަރެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލުގެ ސަބަބުން، މި އަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެކަމަށް ލަފާކުރި އަދަދަށްވުރެ، 2.1 ބިލިއަން ރުފިޔާއާއި 6.9 ބިލިއަން ރުފިޔާގެ މިންވަރެއް ދަށްވާނެ ކަމަށް، މިހާރު އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.