އަނެއްކާވެސް އަމުރާއި ހިލާފުވެގެން ރިސޯޓެއްގެ މުވައްޒަފަކު ހައްޔަރުކޮށްފި

ރާއްޖޭގެ ރިސޯޓެއް --

ރާއްޖޭގައި ކޮވިޑް19 ފެނިފައިވުމާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފަށް އަމަލުކުރި ރިސޯޓެއްގެ މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިރޭ ބުނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމާއި ހިލާފުވެގެން އިއްޔެ ހއ. އަތޮޅުގައި ހުރި ރިސޯޓަކަށް އެ ރިސޯޓުގެ މުވައްޒަފަކު އެރުމާއި ގުޅިގެން 32 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ 19:49 އެހާކަށްހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިއްޔެވެސް ވަނީ މިފަދަ އިތުރު މައްސަލައެއް ފެންމަތިވެފައެވެ. މާލެ އަތޮޅު ހިމެނޭ ރިސޯޓެއްގައި މަސައްކަތް ކުރާ 2 މުވައްޒަފުން ރިސޯޓުން ފުރުން މަނާ ކޮށްފައި ވަނިކޮށް، މިމަހުގެ 19 ވަނަ ދުވަހު އަމިއްލަ އަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ އަށް ދަތުރުކޮށް، އިއްޔެ ރޭގެ ފްލައިޓުން ފުވައްމުލަކު ސިޓީއަށް އައިސްފައިވާތީ އެމީހުން ހައްޔަރުކޮށް އެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މާޗު 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

އެ ފިޔަވަޅުގެ ދަށުން އެއް ރިސޯޓުން އަނެއް ރިސޯޓަށް އެއްވެސް މުވައްޒަފަކު ނުވަތަ ފަތުރުވެރިޔަކުވެސް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. އެ އެންގުމަށް އަމަލުކުރުން ނިމޭނީ މިމަހު 28 ވަނަ ދުވަހަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.