ކޮވިޑް19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައި ވާނަމަ އެކަން ރިޕޯޓު ކުރުމަށް އަންގައިފި

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް-

ކޮވިޑް19 ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ލަސްނުކޮށް އެކަން  ޖޮބް ސެންޓަރުގައި ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރެވިފައި ވާނަމަ، ނުވަތަ މުސާރައާއި އެލަވަންސް ތަކަށް އެއްވެސް ބަދަލެއް ގެނެވިފައި ވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައި ވާނަމަ، އެ މިނިސްޓްރީ އިން ގާއިމު ކޮށްފައިވާ ޖޮބް ސެންޓަރ (/https://jobcenter.mv) ގައި ރިޕޯޓްކޮށް މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހި ފައިވާނެ ކަމަށެވެ.

އަދި އެ މައުލޫމާތާއެކު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުމެއް ހުށަހެޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

މިނިސްޓްރީން ބުނީ ކޮވިޑް19 އާއި ގުޅިގެން ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، ރާއްޖޭގެ ފަތުރުވެރި ކަމާއި އެހެނިހެން އިގްތިސާދީ މަސައްކަތް ތަކަށް ހީނަރުކަމެއް އައިސްފައި ވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ވިޔަފާރިތަކަށް ކޭޝް ފްލޯ ފައިނޭންސިންގ ސްކީމްތައް ފަހިކޮށް ދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައި ގެން އަޅަމުންދާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކޮށްފައެވެ. މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ހުރިހާ ދާއިރާތަކަށް އިގްތިސޯދީ ލޮޅުންތައް އަރަމުން އަންނަ ކަމަށާއި ވިޔަފާރިތަކުގެ ކޭޝްފްލޯ އަށްވެސް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި ސަރުކާރުގެ އެހީގެ ޕެކޭޖުގައި ބައިވެރިވާ ވިޔަފާރިތަކަށް މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ޝަރުތު ކުރަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާތައް ސަލާމަތް ކުރެވިއްޖެނަމަ ކޮންޒަމްޕްޝަން އަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް އިގްތިސޯދީ ގޮންޖެހުން ތަކުން އަރައިގަނެވޭނެ ކަމަށެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ މިދަނޑިވަޅުގައި ފިޔަވަޅު އަޅާނީ އެއްވެސް ދިވެއްސަކު ބާކީ ނުވާނެހެން ކަމަށާއި އެ ޔަގީންކަން އަރުވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *