ރާއްޖެއިވެސް މިހާރު ފެނިފައިވާ ނުރައްކާތެރި ކޮވިޑް19 ވައިރަހާއި ގުޅިގެން އޯ ލެވެލް އިމްތިހާނާއި ސްކޫލުތަކުގެ ޗުއްޓީއަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ މިނިސްޓްރީން ދޮގުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ކޮވިޑް19 އާ ގުޅިގެން އޯލެވެލް އިމްތިހާނާއި ސްކޫލުތަކުގެ ޗުއްޓީއަށް އެ މިނިސްޓްރީން ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ހަބަރުތަކެއް ކަމަށެވެ. އަދި މިފަދަ ދަނޑިވަޅުގައި ދޮގު ހަބަރުތައް ނުފެތުރުމަށާއި އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެ މިނިސްޓްރީން މިފަދައިން ބުނެފައިވާއިރު ކޮވިޑް19 އާ ގުޅިގެން ސްކޫލުތައް ވަނީ ދެ ހަފްތާގެ މުއްދަތަށް ބަންދު ކޮށްފައެވެ. އަދި ސްކޫލުތަކުގެ އިތުރުން ކިޔަވައި ދޭ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ޓިއުޝަން ކްލާސް ފަދަ ތަންތަން ވެސް ވަނީ ބަންދުކޮށްފައެވެ.
ބައެއް އިމްތިހާންތަކާއި ޗުއްޓީއަށް ބަދަލު ގެނެސްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ސައްޚަނޫން މަޢުލޫމާތާގުޅޭ. pic.twitter.com/78Ss1Ua6PD
— Ministry of Education (@MoEdumv) March 21, 2020
މިއަހަރުގެ މޭ އަދި ޖޫން ގައި ދިނުމަށް ނިންމާފައިވާ އިމްތިހާނުތައް ފަސްކުރުމާ މެދު އަދި ގޮތެއް ނިންމާފައި ނުވާކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެކުރިން ވަނީ ބުނެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން މި މަހުގެ 19ވަނަ ދުވަހު ބުނީ އިނގިރޭސި ވިލާތުގެ ސުކޫލުތައް ބަންދުކޮށް އެ ސުކޫލުތަކުގެ ދަރިވަރުންނަށް މޭ އަދި ޖޫން ގައި ދިނުމަށް ހަމަޖައްސައިފައިވާ އިމްތިހާނުތައް ކެންސަލް ކޮށްފައިވީ ނަމަވެސް އިނގިރޭސިވިލާތް ފިޔަވައި އެހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަނޭޝަނަލް އެގްޒަމިނޭޝަން) ތަކާއި މެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ދަރިވަރުން މޭ / ޖޫން ގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއްނިންމާފައި ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ޖުމްލަ 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވިއެވެ. އޭގެތެރެއިން ތިން މީހަކު މިހާރުވަނީ ރަނގަޅުވެފައެވެ. އެ ތިން މީހުންގެ ތެރެއިން އެކަކަކީ ކުރެއްދޫ އައިލެންޑު ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީޒް ބަތަލާއިން ބައްޔަށް ޕޮޒިޓިވްވި ދެ މީހުންނެވެ.