އެންމެ މީހެއްގެ އަމަލަކުންވެސް މުޅި ގައުމު ނުރައްކަލަށް ހުށަހެޅިދާނެ: ސަރުކާރު

ކޮވިޑް19 ގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް: ފޮޓޯ / ސަން

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހަކު އެ ބަލިން ރަނގަޅުވި ނަމަވެސް އެންމެ މީހަކު ކުރާ އަމަލެއްގެ ސަބަބުން މުޅި ގައުމު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިދާނެ ކަމަށް ސަރުކާރުން ކޮވިޑް19 ގެ މައުލޫމާތު ހިއްސާ ކުރުމަށް ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތައް ލުއިކޮށް ނުނެގުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ވިދާޅުވީ އެ ބައްޔަށް ޕޮސިޓިވްވެފައިވާ ނުވަތަ އަލާމާތްތައް ހުރި އެންމެ މީހެއްގެ އަމަލުތައް ހުންނަގޮތުންވެސް މުޅި ޤައުމު ނުރައްކަލަށް ހުށަހެޅިދާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިފަދަ ހާލަތެއްގައި ގައުމު އޮތްއިރު އެންމެ ބޮޑަށް ބޭނުންވާނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަރުކާރުން ދެމުން ގެންދާ އިރުޝާދުތަކަށް އާއްމުންގެ ފަރާތުން އެއްބާރުލުން ދިނުން ކަމަަށެވެ. އެހެންކަމުން ސަރުކާރުން މިކަމާއި ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅުތަކަށް އިހުތިރާމު ކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

"މިކަމުގައި އޮތީ އަޅުގަނޑުމެން އެންމެންގެ ފަރުދީ ޒިންމާ. ޒިންމާ ރަނގަޅަށް އަދާކުރެއްވިއްޖެނަމަ ސަލާމަތުގެ އައްސޭރިއަކަށް ދިއުމުގެ ޖާގަ އެބަފެނޭ. އެހެންނަމަވެސް މި ބަލީގެ އަލާމާތްހުރި ނުވަތަ މި ބަަލިޖެހިފައިހުރި އެންމެ މީހަކަށް ކުރެވޭ ކަމަކުން މުޅި ގައުމު ނުރައްކަލަށް ލެވޭކަހަލަ ނުރައްކާތެރި ބައްޔެއް މި ބައްޔަކީ. އެކަކު ކިބައިން 3 މީހުންނަށް، ދެން 9 މީހުންނަށް މި ބަލި ފެތުރިދާނެ. އަދި އެންމެ ފުރުސަތު ބޮޑީވެސް ތިމާވެ ގާތްތިމާގެ މީހުންނާއި އެންމެ ލޯބިވާ މީހުންނަށް މި ބަލި ޖެހުން" މަބްރޫކު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް19 އަށް މުޅި ޖުމްލަ 13 މީހުންގެ ޕޮޒިޓިވްވިއިރު އެ ބަލިން ރަނގަޅުވީ ބަލި އެންމެ ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑު ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން އެކަކާއި ސޭންޑީޒް ބަތަލާ ރިސޯޓުން އެ ބައްޔަށް ޕޮޒިޓިވްވި އިޓަލީގެ ދެމަފިރިންނެވެ. މި ތިން މީހުން ބަލިން ރަނގަޅުވި ނަމަވެސް އުސޫލެއްގެ ދަށުން މޮނީޓަރިންގައި އަދި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު މިއަދު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *