ކޮވިޑް19: އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ދެ ލައްކަ ޑޮލަރު ދިނުމަށް ނިންމައިފި

މީގެކުރިން ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ދެކޮޅަށް ސާކުގެ ގައުމުތަކުން އުފެއްދި އެމަޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން 200،000 ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

މިއީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިސްނެގުމަކަށް ފެށި ފަންޑެކެވެ. ސާކް ގައުމުތަކުގެ ލީޑަރުން އެކަމަށް އެއްބަސްވީ، މޯދީގެ ދައުވަތަކަށް ސާކުގެ ލީޑަރުންގެ މެދުގައި ބޭއްވި ޓެލެކޮންފަރެންސްގެ ތެރެއިންނެވެ.

މި ފަންޑަށް އިންޑިއާއިން ވަނީ 10 މިލިއަން ޑޮލަރު ދީފައެވެ. އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، އެ ފަންޑުން މިހާތަނަށް ވެސް އެއް މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް އެކި ގައުމުތަކުން ވަނީ ހުށަހަޅައިފަ އެވެ.

ޓެލެކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ބޮޑުވަޒީރު މޯދީ އެދިވަޑައިގަންނަވާ ގޮތަށް ވައިރަހާ ގުޅޭ ކަންކަމުގައި ސާކްގެ ސަރަހައްދީ ސްޓްރެޓަޖީއެއް އެކުލަވާލަން ޖެހޭ ކަމަށެވެ. އަދި އެ ސްޓްރެޓަޖީގައި ހިމެނެން ޖެހޭ ތިން ކަމެއް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ސާކްގެ ގައުމުތަކުގެ ސިއްހީ ދާއިރާގެ ވުޒާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކޮށް ވައިރަސްއާ ގުޅޭ ކަންކަމުގައި ބެސްޓް ޕްރެކްޓިސް ހިއްސާ ކުރެވޭނެ ގޮތް ހަމަޖެއްސުމާއި އިގްތިސާދީ ގޮތުން ދަށަށްދާ ގައުމުތަކަށް އެހީތެރިވާން އިކޮނޮމިކް ރިލީފް ޕެކޭޖެއް އެކުލަވާލުމުގެ އިތުރުން ދިގު މުއްދަތެއްގައި ހާލަތުން އަނބުރާ އައުމުގެ ޕްލޭނެއް އެކުލަވާލުން ހިމެނެއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ އެއްވެސް ގައުމަކަށް އެކަނިމާ އެކަނި ވައިރަހާ ހަނގުރާމަކޮށްގެން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.