ރާއްޖެއިން ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ކުރެއްދޫ އައިލެންޑު ރިސޯޓުން ކޮވިޑް19 އަށް ޕޮޒިޓިވްވި އެކަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެމީހާ އަކީ ވެލިދޫ އައިސޮލޭޝަންގައި ހުރި މީހެކެވެ.

ޑރ. މުރާދު ވިދާޅުވީ އެ މީހާގެ ގައިގައި ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުމުގެ ގޮތުން ޑަބަލް ޓެސްޓު ހަދާފައިވާ ކަމަށެވެ. ނަމަވެސް ޑަބަލް ޓެސްޓު ހެދިއިރު ވެސް އޭނާ އެ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ. ޑރ. ވިދާޅުވީ ބައްޔަށް ނެގެޓިވްވި ނަމަވެސް އޮންނަ އުސޫލުގެ ދަށުން މޮނީޓާ ކުރަމުން އަންނަ ކަމަށެވެ.

މި ދަނދިވަޅުގައި ޑރ. މުރާދު ވަނީ މިކަމުގައި ހަރަކާތްތެރިވާ ހުރިހާ ޑޮކްޓަރުންނާއި އަދި ސިއްހީ ފަންނީ އެހީތެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ކުރެއްދޫ އިން މި ބައްޔަށް ފަސް މީހަކު ޕޮޒިޓިވްވިއެވެ. އޭގެތެރެއިން އެކަކު ރަނގަޅުވެފައިވާ ކަމަށް ހާމަކުރުމުން އެރަށުން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ހަތަރަކަށް ދަށްވެފައެވެ. ރާއްޖެއިން ވެސް މީގެކުރިން 13 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވީ ނަމަވެސް މިހާރު އެ ބަލި ޖެހިގެން ފަރުވާ ހޯދަމުން ދަނީ 10 މީހެކެވެ. އެއީ ސޭންޑީޒް ބަތަލާއިން އެ ކޮވިޑް19 އަށް ޕޮޒިޓިވްވި ދެމަފިރިން ވެސް މިހާރު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ޑރ. މުރާދު ރޭ ވަނީ ހާމަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *