ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ފަރާތެއް ކަރަންޓީނު ކުރަނީ

ވީއައިއޭގައި ފުރަން ގޮސް ތިބި ފަތުރުވެރިންތަކެއް - ފޮޓޯ: މިހާރު

ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވާ ރާއްޖެ އަންނަ ހުރިހާ ފަރާތްތައް 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރަން ނިންމައިފިއެވެ.

މިކަމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވާ އެހެން ހުރިހާ ފަރާތްތަކެއް ކަރަންޓީނު ކުރަން ނިންމާފައިވާ ކަމަށެވެ.

އަދި ރާއްޖެ އަންނަ ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތެއްވެސް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިފަދައިން ނިންމާފައިވަނީ ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ށަވަރު ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

މީގެ ކުރިން ކަރަންޓީިން ކުރަނީ ހަމައެކަނި މީހުން އައުން މަނާކޮށްފައިވާ ގައުމަކުން ނުވަތަ ސަރަހައްދަކުން އަންނަ ދިވެހިން އެކަންޏެވެ. އެ ނޫން ގައުމުތަކުން އަންނަ މީހުންނާއި ދިވެހިން ބަހައްޓަނީ ހޯމް އައިސްލޭޝަނު ގައެވެ.

މިހާތަނަށް ރާއްޖެއިން 13 ބިދޭސީއަކު ކޮވިޑް19 އަށް ޕޮޒިޓިވްވި އިރު، އޭގެތެރެއިން ދެ މީހަކު ރަނގަޅު ވެފައިވާ ކަމަށް ރޭ ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. މިހާރު ވައިރަސް ޖެހިގެން ފަރުވާ ދެމުން އަންނަނީ 11 މީހަކަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.