ރޭ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ މީހާގެ ހާލަތު މިހާރު ސްޓޭބަލް: ޑޮކްޓަރުން

ދަރުމަވަންތަ ހޮސްޕިޓަލް-

ގާތުން ފަރުވާ ދިނުމުގެ ގޮތުން އައިލެންޑު ސަފާރީން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔައީ ހާލަތު ކުޑަކޮށް ގޯސްވެގެން ކަމަށާއި ނަމަވެސް މިހާރު އެ މީހާގެ ހާލަތު ރަނގަޅު ކަމަށް ކޮވިޑް19 އާ ގުޅޭ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗުގައި ކޮވިޑް19 ގެ ކަންކަމުގައި އެންމެ އިސްކޮށް ބަލި މީހުންނަށް ފަރުވާ ދެމުން ގެންދާ ޑޮކްޓަރުންގެ ޓީމުން މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރީ އޮކްސިޖަންްއާ  ބްލަޑް ޕްރެޝާ ދަށްވުމުން ކަމަށެވެ. ނަމަވެސް މިހާރު އެމީހާގެ ހާލަތު އެވްރެޖުކޮށް ރަނގަޅު ކަމަށް ޑޮކްޓަރުން ވިދާޅުވިއެވެ.

"މިކަހަލަ ބަމި ލީހުންނަކީ ދަށްވެދާނެ [ބަލި ހާލަތު] މީހުން، އެހެންވެ އޮބްޒާވް ކުރަމުން މިދަނީ،" ޑޮކްޓަރުން ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް އިތުރު ބަލި މީހަކު ގެންގޮސްފައިވާއިރު މީގެކުރިންވެސް ކޮވިޑް19 އަށް ޕޮޒިޓިވްވި ދެ މީހުން ގެންދިޔައެވެ. އެއީ ސޭންޑީޒް ބަތަލާއިން ކޮވިޑް19 އަށް ޕޮޒިޓިވްވި އިޓަލީގެ ދެ ފަތުރުވެރިންނެވެ. އެ ދެމީހުންނަކީ ދެމަފިރިންނެވެ.

މީގެތެރެއިން ފިރިހެން މީހާއަކީ 70 އަހަރުގެ މީހަކަށް ވާތީ އޭނާއަށް ގާތުން ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާ ދިނުމުން އެމީހާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް މީގެކުރިން ބަދަލުކޮށްފައެވެ. އަދި އެމީހާއާ އެކުގައި އޭނާގެ އަނބިމީހާ ވެސް ބަދަލުކުރިއެވެ.

ނަމަވެސް މި ދެމީހުން ވެސް ބަލިން ރަނގަޅުވެފައިވާ ކަމަށް މިރޭ ޑޮކްޓަރުން ވިދާޅުވިއެވެ.

މި ދެމީހުން ކޮވިޑް19 އަށް ރަނގަޅުވި ނަމަވެސް އައިސޮލޭޝަންގައި މި ދެމީހުން އަދި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ މި ބައްޔަކީ ރަނގަޅުވުމަށްފަހު ވެސް ދެވަނަ ފަހަރަށް ވެސް ޖެހޭ ބައްޔަކަށް ވާތީއެވެ. އެހެންކަމުން އައިޖީއެމްއެޗުގައި ކޮވިޑް19 ގެ ކަންކަމުގައި އެންމެ އިސްކޮށް ބަލި މީހުންނަށް ފަރުވާ ދެމުން ގެންދާ ޑޮކްޓަރުން ވިދާޅުވީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ދެމީހުންވެސް އަދި ދޫނުކުރާ ކަމަށެވެ.

މި ދެމީހުން ރަނގަޅުވުމުން މިހާރު ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވަނީ 11 މީހެކެވެ. އެ މީހުންނަކީވެސް ހުސް ބިދޭސީންނެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.