ކޮވިޑް19 އަށް ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވެއްޖެ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވި ދެ މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މި ބައްޔަށް ރަނގަޅުވި ދެ މީހުންނަކީ ސޭންޑީޒް ބަތަލާ ރިސޯޓުން މި ބައްޔަށް ޕޮޒިޓިވްވި ދެ ފަތުރުވެރިންނެވެ. މި ދެމީހުންނަކީ ދެމަފިރިންނެވެ. މި ދެ މީހުންނަކީ ވެސް އިޓަލީގެ ދެ ފަތުރުވެރިންނެވެ.

މީގެތެރެއިން ފިރިހެން މީހާއަކީ 70 އަހަރުގެ މީހަކަށް ވާތީ އޭނާއަށް ގާތުން ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާ ދިނުމުން އެމީހާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް މީގެކުރިން ބަދަލުކޮށްފައެވެ. އަދި އެމީހާއާ އެކުގައި އޭނާގެ އަނބިމީހާ ވެސް ބަދަލުކުރިއެވެ.

މި ދެމީހުން ކޮވިޑް19 އަށް ރަނގަޅުވި ނަމަވެސް އައިސޮލޭޝަންގައި މި ދެމީހުން އަދި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެއީ މި ބައްޔަކީ ރަނގަޅުވުމަށްފަހު ވެސް ދެވަނަ ފަހަރަށް ވެސް ޖެހޭ ބައްޔަކަށް ވާތީއެވެ. އެހެންކަމުން އައިޖީއެމްއެޗުގައި ކޮވިޑް19 ގެ ކަންކަމުގައި އެންމެ އިސްކޮށް ބަލި މީހުންނަށް ފަރުވާ ދެމުން ގެންދާ ޑޮކްޓަރުން ވިދާޅުވީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ދެމީހުންވެސް އަދި ދޫނުކުރާ ކަމަށެވެ.

މި ދެމީހުން ރަނގަޅުވުމުން މިހާރު ރާއްޖޭގައި ކޮވިޑް19 އަށް ޕޮޒިޓިވް ވެފައި ވަނީ 11 މީހެކެވެ. އެ މީހުންނަކީވެސް ހުސް ބިދޭސީންނެވެ.

Leave a Reply

Your email address will not be published. Required fields are marked *