ޒަރިޔަންދު ޓެންޑާ ބޯޑަށް ލުމުން ފިޔާޒު އުއްމީދު ކުރައްވަނީ ހާމަކަން ބޮޑުވެގެން ދާނެ ކަމަށް!

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ (ކ) އަދި ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއީލް ޒަރިޔަންދު (ވ) --

ޓެންޑާ ބޯޑުގެ ޗެއާމަންގެ މަގާމަށް ކުރީގެ މަޝްހޫރު ގޯލު ކީޕަރު، އަދި އޮޑިޓް ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު އައްޔަން ކުރުމުން އެ ބޯޑުން ނިންމާ ނިންމުންތަކުގައި ހާމަކަން ބޮޑުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު ޓެންޑާ ބޯޑަށް އައްޔަން ކުރުމުން އެކަމަށް މަރުހަބާ ވިދާޅުވެ ފިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ބިޑުތަކުގެ ހާމަކަން ބޮޑުވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ފިޔާޒުގެ ޓްވީޓަށް ޖަވާބު ދެއްވަމުން ޒަރިޔަންދު ވިދާޅުވީ ހާމަކަން ބޮޑު މާހައުލެއްގައި ބިޑުތަކަށް އިންސާފު ކުރުމާއި ސުވާލު އުފެދޭ ފަރާތްތަކާއި އެކު ފަސޭހަ ކަމާއި އެކުގައި މައުލޫމާތު ލިބޭ ގޮތަށް އޮތުމަކީ ކޮރަޕްޝަންގެ އަމަލުތަކަށް ފުރުސަތު ކުޑަކޮށް ރައްޔިތުންނަށް އިތުބާރު ލިބޭނެ ކަމެއް ކަމަށެވެ.

އޮޑިޓިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ޒަރިޔަން އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މި މަހުގެ ކުރީކޮޅެވެ. އޭނާ ސަރުކާރަށް ހިދުމަތް ކުރާތާ 32 އަހަރު ވަނީ ވެފައެވެ.

އޭނާ ސަރުކާރުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާފައި ވަނީ ފިނޭންސްއާ ގުޅުންހުރި ދާއިރާތަކުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.