މައުމޫނާއި ގާސިމްގެ އިލްތިމާސް: އިރުޝާދުތަކަށް ބޯލަނބާ!

(ކ-ވ): ރައީސް މައުމޫނާއި ރައީސް ސޯލިހުގެ އިތުރުން ގާސިމް އިބްރާހީމް: ފޮޓޯ / ވަން

ރާއްޖޭގައި މިހާރު ފެތުރިފައިވާ ނުރައްކާތެރި ކޮވިޑް19 އިން ރައްޔިތުންނާއި ދިވެހި ގައުމު ސަލާމަތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ބޯލެނބުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ އިންތިގާލީ ރައީސް، އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިލްތިމާސް ކުރައްވައިފިއެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ބަލީގެ ނުރައްކަލުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ކަމާބެހޭ ފަރާތްތަކުން ދެމުންދާ އިރުޝާދުތަކަށް ބޯލެނބުމަކީ ކޮންމެ މީހަކަށްވެސް ލާޒިމު ކަމެއް ކަމަށެވެ. އަދި ފަރުދީ ޒިންމާ އަދާކޮށް ގޭގައި ތިބުމަށް މައުމޫން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހަމަ މިބީދައިން ގާސިމް އިބްރާހީމްވެސް ވަނީ ޓްވީޓެއްގައި ކުރައްވާފައެވެ. ވިދާޅުވީ ގައުމަށް ދިމާވެފައިވާ ހުތޫރަތްތެރި ދަނޑިވަޅުގައި ދިވެހި ސަރުކާރުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާއި އަންގާ އެންގުންތަކަށް އެންމެހާ ރައްޔިތުން ކެތްތެރިކަމާ އެކު އަމަލު ކުރުން  ވަރަށް މުހިންމު ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ނުރައްލުން ސަލާމަތްވެވޭނީ އެއްބައިވަންތަކަން އިސްކޮށްގެން ކަމަށެވެ.

ސަރުކާރުން ވަނީ ކޮވިޑް19 އާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި ކޮވިދް19 ފެތުރުނަ ނުދިއުމަށްޓަކައި ސަރުކާރުން ވަނީ އިއްޔެ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރުވެސް ބަންދު ކުރުމަށް ނިންމާފައެވެ. މީގެއިތުރުން އެއްވެސް މުވައްޒަފަކު ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށް ސަރުކާރުން ވަނީ އަންގާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.