ކޮވިޑް19: އަމިއްލަ ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލަ ބަލަނީ

އެޗްއާރްސީއެމްގެ ރައީސާ އީނާޒު --

ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ވިޔަފާރި ކުންފުނިތަކަށް ވަމުން އަންނަ ގެއްލުންތަކުގެ ސަބަބުން މުވައްޒަފުން ވަކި ކުރާ މައްސަލަ ބަލަމުން ކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމުން ބުނީ ކޮވިޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގެ އަމިއްލަ ބޮޑެތި ކުންފުނިތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ވަޒީފާއިން ވަކިކުރާކަމަށާއި އަދި ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބޭގޮތަށް ގޭގައި މަޑުކުރުމަށް އަންގަމުންދާކަމަށް ބުނެ ބައެއް އަމިއްލަ ފަރާތްތަކުން އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެޗްއާރްސީއެމް އިން މިފަދަ މައްސަލައެއް ބަލަމުން އަންނައިރު ކޮވިޑް19އާ ގުޅިގެން ދިވެހި މުވައްޒަފުންގެ ވަޒީފާތައް ގެއްލުން ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ކޮވިޑް19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮރޯނާވައިރަހާ ގުޅިގެން އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ޕެކޭޖަކީ މިވަގުތު ވިޔަފާރިތަކަށް ދިމާވެފައިވާ ދަތިތައް ފިލުވާލުމަށް ސަރުކާރުން ދޭ އެހީއެއް ކަމަށެވެ. އެކަމުގެ ސަބަބުން ވިޔަފާރިތަުގެ ވޯކިން ކެޕިޓަލް ރަނގަޅު ކުރުމަށް ދޫކުރާ ޕެކޭޖެއް ކަމަށާއި މި ފައިސާ ދޫކުރާނީ ހަމަސް ދުވަހު ގްރޭސް ޕީރިއަޑެއް ދީފައިވާނެ ކަމަށެވެ. އަދި އެ ޕެކޭޖުގައި ހަ ޕަސެންޓުގެ އިންޓްރެސްޓެއް ކަނޑައަޅާފައިވާ ކަމަށެވެ. އަމީރު ވިދާޅުވީ މި ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ދުވަހުގެ މުއްދަތެއް ލިބިގެންދާނެ ކަމަށެވެ.

“އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުން. މިއީ ޖުމްލަ ދެ ބިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެވޭނެ ޕެކޭޖެއް،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ހުރިހާ ދާއިރާތަކަށް އިގްތިސޯދީ ލޮޅުންތައް އަރަމުން އަންނަ ކަމަށާއި ވިޔަފާރިތަކުގެ ކޭޝްފްލޯ އަށްވެސް ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަމީރު ވިދާޅުވީ ސަރުކާރުގެ އެހީގެ ޕެކޭޖުގައި ބައިވެރިވާ ވިޔަފާރިތަކަށް މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ޝަރުތު ކުރަން ޖެހޭނެ ކަމަށެވެ.

“ވިޔަފާރިތަކުން، ސަރުކާރުން ފޯރުކޮށްދޭ ވޯކިން ކެޕިޓަލްގެ މި އެހީ ހެޔޮގޮތުގައި ބޭނުންކޮށް، ދިވެހިންގެ ވަޒީފާތައް މަދު ނުކުރުމަކީ ކޮންމެހެން ކުރަންޖެހޭނެކަމެއް،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާތައް ސަލާމަތް ކުރެވިއްޖެނަމަ ކޮންޒަމްޕްޝަން އަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށް އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ މިދަނޑިވަޅުގައި ފިޔަވަޅު އަޅާނީ އެއްވެސް ދިވެއްސަކު ބާކީ ނުވާނެހެން ކަމަށާއި އެ ޔަގީންކަން އަރުވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *