މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނުތައް ރާއްޖެ އައިސްފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖުގެ ސާވޭގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނުތައް ރާއްޖެ އައިސްފައިވާ ކަމަށް ވަރަށް އަވަހަށް އެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.
މާލެ އާއި ތިލަފުށި ގުޅާލާ ބްރިޖުގެ ސާވޭގެ މަސައްކަތް ހަވާލުކުރީ ނެދަލޭންޑްސްގެ ފުގްރޯ ކުންފުންޏާއެވެ. އެ ކުންފުނިން ބްރިޖުގެ ޑިޒައިނަށް ބޭނުންވާ މެރިން ޖިއޯ ޓެކްނިކަލް ސާވޭ އާއި ލޭންޑް ޖިއޯ ޓެކްނިކަލް ސާވޭ ކުރާނެއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 15 މިލިއަން ޑޮލަރަށެވެ. އެކުންފުނީގެ މަސައްކަތްތައް ކުރިން ފަށާ ގޮތަށް އޮތީ މި މަހުގެ 15ވަނަ ދުވަހުއެވެ. މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ހަތްވަނަ ދުވަހުއެވެ. ބްރިޖުގެ ސާވޭ ކުރުމަށް މާލެ ސަރަހައްދުން ފެށިގެން ތިލަފުއްޓާ ހަމައަށް ބޯހޯލް ތޮރުފާނެއެވެ.
https://twitter.com/MoNPImv/status/1240664979595911169?s=20
ތިލަފުށްޓާ މާލެ ގުޅުވާލާ ބުރިޖު އަޅާނީ އިންޑިއާގެ އެހީގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
މާލެ-ވިލިމާލެ-ތިލަފުށި އަދި ގުޅީފަޅު ގުޅާލާ އެ ބުރިޖްގެ މަޝްރޫއަކީ، 488 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ) މަޝްރޫއެކެވެ. މިއަހަރުގެ ބަޖެޓްގައި ލަފާކޮށްފައިވާ ގޮތުގައި، އެ ބުރިޖަށް އަބޫދާބީ ފަންޑުން ލޯނުގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ އެވެ. އަދި 2021 ވަނަ އަހަރު އެ ލޯނުގެ އަދަދު 610.80 މިލިއަން ރުފިޔާއަށް އަދި 2022 ވަނަ އަހަރު އެ އަދަދު 1.15 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.
އެ ބްރިޖްގެ އަމަލީ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވަނީ 2023 ވަނަ އަހަރު އެވެ.