މަޑިސީލަ ޕްރޮގްރާމް ހުއްޓާލަން އެންގުމަކީ މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން: އިދިކޮޅު

ޗެނަލް13 އިން މީގެކުރިން ގެނެސްދިން މަޑިސީލަ ޕްރޮގްރާމުގެ ސްކްރީން ޝޮޓެއް --

ޗެނަލް13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް ހުއްޓާލަން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެންގި އެންގުމަކީ މިނިވަން ނޫސްވެރި ކަމަށް ހުރަސް އެޅުން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

މަޑިސީލަ ޕްރޮގްރާމް ހުއްޓާލުމުން އެކަން ކުށްވެރިކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ޑިމޮކްރަސީއެއްގައި އެންމެ މުޙިންމު ދައުރެއް އަދާ ކުރާ އެއް ގުނަވަނަކީ މިނިވަން ނޫސްވެރިކަން ނުވަތަ މީޑިއާ ކަމަށާއި އެކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އަދި މިދުވަސްވަރު ސަރުކާރު ޖަވާބުދާރީ ކުރުވާ ޒިންމާދާރު ކުރުވުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރާ އެއް މީޑިއާއަކީ ޗެނަލް13ކަން ފާހަގަކޮށް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނީ އެ ޗެނަލް އިން ގެނެސްދޭ މަޑިސީލަ ޕްރޮގްރާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ކުރެވުނު ސުވާލަކާއި ގުޅިގެން އެ ޕްރޮގްރާމް ހުއްޓާލުމަށް އެންގި އެންގުމަކީ މިނިވަން ނޫސްވެރިކަމަށް ފާޅުގައި ހުރަސް އެޅުން ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ.

"މަޑިސީލަ ޕްރޮގްރާމު ގައި ގެނެސްދެވުނު ވާހަކައަކީ މިނިވަން ނޫސްވެރިކަމުގެ އަޙްލާޤީ މިންގަނޑުން ބޭރު ވާހަކައެއްކަމުގައި ވާނަމަ، އެ ކަމަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި މުޅި ޕްރޮގްރާމް ހުއްޓާލަން އެންގި އެންގުން އެއީ ވަރަށްވެސް ނާތަހުޒީބު އަދި ޒިންމާދާރުކަން ކުޑަ ޢަމަލެކެވެ. މިޢަމަލު މިކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" ބަޔާނުގައިވެއެވެ.

މީޑިއާ ތަކަކީ ޒިންމާދާރުކަމާއެކު، ރައްޔިތުން ހޭލުންތެރިކުރުވުމާއެކު، ތާޒާ ޚަބަރުތައް ވަގުތުން ވަގުތަށް ގެނެސްދޭ ބަޔަކަށް ވާއިރު، ސަރުކާރުންވެސް ވީހާވެސް ފާޅުކަން ބޮޑު ގޮތެއްގައި ދެފުށް ފެންނަ ގޮތަށް ޒިންމާދާރު ކަމާއެކު ރައްޔިތުންނަށް ބެނުންވާ މަޢުލޫމާތުތައް ވަގުތުން ވަގުތަށް ފޯރުކޮށްދެއްވުމަށް އެ ކޯލިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުގެ މަތިން ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ މީޑިއާތަކާއި ނޫސްވެރިން ވެސް ޢަމަލު ކުރުމަށް ނަސޭހަތްތެރިވެ އެ ކޯލިޝަނުން ބުނީ މީޑިއާ ތަކުން ގެނެސްދޭ މަޢުލޫމާތުތައް ސަރުކާރުގެ ފަރާތުން އަޑުއެހުމާއެކު ޒިންމާދާރުކަމާއެކު ޢަމަލުކޮށް މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅުން ހުއްޓާލުމަށްވެސް ގޮވާލާ ކަމަށެވެ.

ބްރޯޑްކޮމްއިން މި މައްސަލަ ބަލަން ފެށީ ދިވެހި ދައުލަތުން އާންމު ސިއްހަތުގެ ކުއްލި ނުރުއްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް އިން ހިންގަމުން އނަްނަ ޗެނަލް 13 އިން ކޮންމެ ރެއަކުވެސް ގެނެސްދޭ “މަޑިސީލަ” ޕްރޮގްރާމުގެ ރޭގެ ޕްރޮގްރާމުގައި ވިޑް 19 އާއި ގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ގޮތަކަށް ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ އެކަމުގެ ޝަކުވާ ލިބެން ފެށުމާއި ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ވަކިފަރާތަކަށް ބުރަނުވެ މުސްތަގިއްލު ތަހުގީގެއް އެ ކޮމިޝަނުން ކުރުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކަމާބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ހައްގުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް އިން ހިންގަމުން އަންނަ ޗެނަލް 13 އަށް ޖަވާބުދާރިވުމަށް ފުރުސަތު ދީފައިވާނެ ކަމަށާއި އެގޮތުން ދިން ފުރުސަތުގައި “މަޑިސީލަ” ޕްރޮގްރާމުގައި އެވާހަކަތައް ދައްކާފައި ވަނީ މުއުތަބަރު ފަރާތަކުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ކަމަށް އެ ޗެނަލުން ބުނެފައިވެއެވެ.

އެހެންނަމަަވެސް ބްރޯޑްކޮމް އިން ބުނީ މި މަހުގެ 16ވަނަ ދުވަހު އެ ކޮމިޝަނުން ނެރެފައިވާ ސާކިއުލާގައި މިހާލަތުގައި މައުލޫމާތު ގެނެސްދިނުމުގައި ބޭނުންކުރަންވާނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާ ސައްހަ މަޢުލޫމާތުތަށް ކަމަށް ބަޔާންކޮށްފައިވީ ހިނދު  “މަޑިސީލަ” ޕްރޮގްރާމްގައި ކޮވިޑް 19 އާއި ގުޅިގެން ގެނެސްދީފައިވާ މައުލޫމާތަކީ ދައުލަތުގެ ކަމާ ބެހޭ އިދާރާއިން މައުލޫމާތުގެ ސައްޙަކަން ކަށަވަރުކުރެވިގެން ގެނެސްދީފައިވާ މައުލޫމާތެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.

“މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފަސްވަނަ ހަމައިގެ 4 ވަނަ ނަންބަރު އާ ހިލާފުވާކަމެއް ކަމަށް ކަނޑައަޅައި، “ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމް” ގެ 7 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ޗެނަލް 13 ގެ ޕްރޮގްރާމް ޝެޑިއުލްގައި ހިމެނޭ “މަޑިސީލަ” ޕްރޮގްރާމް، މިއަދުން ފެށިގެން އާންމު ސިއްހަތުގެ ކުއްލި ނުރުއްކަލުގެ ހާލަތުގެ މުއްދަތަށް އުނިކުރުމަށާއި މިދެންނެވި މުއްދަތުގައި ރާއްޖޭގެ އާންމު ސިއްހީ ނުރައްކަލުގެ މިހާލަތުގައި ކޮވިޑް 19 އާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން އެއްވެސް މައުލޫމާތެއް ޗެނަލް 13 އިން ބްރޯޑްކާސްޓްކުރާ ޕްރޮގްރާމުތަކުގައި ނުހިމެނުމަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން މައްސަލަ ނިންމީއެވެ،” ބްރޯޑްކޮމް އިން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *