ކެފޭ ތަކުގައި ޝީޝާ ބުއިން މަނާކޮށްފި

ޝީޝާ ---

ރާއްޖޭގައި ފެތުރެމުން އަންނަ ކޮވިޑް19 އާ ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓުތަކުގައި ޝީޝާ ބުއިން މަނާކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ ކެފޭތަކާއި ރެސްޓޯރެންޓުތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެހެން ތަންތަނުގައި ޝީޝާ ބުއިމާއި ޝީޝާ ހިދުމަތް ދިނުން މަނާ ކުރާ ކަމަށެވެ.

އެކަމަނާ ވިދާޅުވީ އެ އެންގުމަށް ހުރިހާ ފަރާތްތަކުންވެސް އަމަލު ކުރުމަށް އެދޭ ކަމަށެވެ. އަދި އެ އެންގުމާއި ގުޅިގެން ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދެމުން ގެންދާ އިރުޝާދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށްވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވިއެވެ. އެކަމަނާ މިގޮތަށް ވިދާޅުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެކަމަނާ އަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ.

މިރޭގެ ވަގުތެއްގައި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ މުހިއްމު ދެ ދެންނެވުމަށް ދަންނަވާފައެވެ. އެއީ އެހެން ގައުމަކުން ފުރާ ޔޮޓާއި ސަފާރީ ރާއްޖެ އައުމާއި އަދި ރާއްޖޭގެ އެއްވެސް ރަށެއްގައި ބަނދަރުކުރުން މަނާ ކުރުމާއި ރިސޯޓުތަކުގައި ހިންގާ ސްޕާތައް ފިޔަވާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް ނިންމުމެވެ.

އެޗްޕީއޭ އިން ބުނީ ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 153 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 16 މީހަކު އެބަހުރި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 ފަރާތެކެވެ. އެއީ ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ބިދޭސީންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ފަތުރުވެރިންނެވެ. ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އިޓަލީގެ ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *