ބޮޑުފުޅަދޫ އިން އަލާމާތްތައް ފެނުނު ބިދޭސީއެއްގެ ސާމްޕަލް ނަގާ، ރަށަށް އަރާ ފޭބުން މަނާކޮށްފި

އއ. ބޮޑުފުޅަދޫ --

އއ.ބޮޑުފުޅަދޫ އިން ބިދޭސީއެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކެއް ފެނުމާއެކު އެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މިރޭ ބުނީ ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ބޮޑުފުޅަދޫއިން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރަށް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. އެ ހާލަތުގައި އެ ރަށަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

އެޗްޕީއޭ އިން ބުނީ ކަރަންޓީން ފެސިލިޓީތަކުގައި ޖުމްލަ 153 މީހަކު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 16 މީހަކު އެބަހުރި ކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 ފަރާތެކެވެ. އެއީ ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާ ބިދޭސީންނާއި ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އަންނަ ފަތުރުވެރިންނެވެ. ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައީ އިޓަލީގެ ފަތުރުވެރިންނެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.